ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފްރާންސްގެ ފުޓްބޯޅަ މެގަޒިންއިން ދޭ ބެލޮންޑިއޯ އެވޯޑް މިއަހަރުގެ އޮކްޓޫބަރު 17 ގައި ދިނުމަށް ނިންމައިފިއެވެ.
މިހާރު ބެލޮންޑިއޯ އެވޯޑް ވަނީ ސީޒަނަކަށް ބަލައިގެން ދޭގޮތަށް ބަދަލުކޮށްފައެވެ. ކުރިން ކަލަންޑަރު އަހަރަކަށް ބަލައިގެން އެވޯޑްދެމުން އައީ ދެ ހާފް ސީޒަނަށެވެ. އޮކްޓޫބަރު 17 ގައި އެވޯޑް ދިނުމަށް ނިންމާފައި ވާއިރު، އެވޯޑަށް ނޮމިނޭޓުވާ ފަރާތްތައް އިއުލާނުކުރާނީ އޮކްޓުބަރު 12 ގައެވެ.
ކޮންމެ ސީޒަނަކަށް އެވޯޑުދޭ ގޮތަށް ބަދަލު ގެނެސްފައިމިވަނީ އެންމެފަހުން އެވޯޑް މެސީއަށް ލިބުމުން ކޮންމެވެސް ވަރެއްގެ ފަޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ. އެވޯޑް ލިބެންޖެހޭނީ ބަޔާން މިއުނިކްގެ ލެވާންޑޯސްކީއަށްކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ. ހަތްވަނަ ފަހަރަށް މެސީ އެއެވޯޑް އުފުލާލީ ލެވާންޑޯސްކީ ފަހަތަށް ޖައްސާލުމަށްފަހުއެވެ. އެކަމަކު ސީޒަންގައި ލެވާންޑޯސްކީ ޖެހި ގޯލްގެ އަދަދުވެސް ގިނައެވެ. އަދި ވިދިވިދިގެން ނުވަވަނަ ފަހަރަށް ބުންޑަސްލީގު ބަޔާންއަށް ހޯދައިދިނުމަށްވެސް ލެވާންޑޯސްކީ މުހިއްމު ދައުރެއް އަދާކުރިއެވެ.
ބެލޮންޑޯ އެވޯޑް ދިނުމުގައި ސީޒަނަކަށް ބަދަލުކުރާގޮތަށް ނިންމި ނިންމުމުގެ އިތުރުން, ޖަޖިންގ ޕެނަލްގެ އަދަދަށްވެސް ވަނީ ބަދަލުގެނެސްފައެވެ. ކުރިން 170 ނޫސްވެރިން މޮޅު ފިރިހެން ކުޅުންތެރިޔާ ހޮވަން ވޯޓްދެއެވެ. އެކަމަކު ދެން އެފުރުޞަތު ލިބޭނީ 100 ނޫސްވެރިންނަށެވެ. އަންހެން މޮޅު ކުޅުންތެރިޔާ ހޮވަން ވޯޓްދެވޭނީ 50 ނޫސްވެރިންނަށެވެ. ކުރިން 100 ޖަޖުން މިބައިގައި ވޯޓްދިނެވެ.