ގދ. ފިޔޯރީން ކަރަންޓްގެ ޚިދުމަތް މެދުކެނޑި، މުޅި ރަށް ކަނުއަނދިރީގައި އޮންނަތާ ގަޑިއިރުތަކެއް ވެއްޖެކަމަށް ފިޔޯރީ ކައުންސިލުން ބުނެފިއެވެ.
ރާއްޖެޓީވީގެ 60 މިނެޓަށް މައުލޫމާތު ދެެއްވަމުން އެރަށު ކައުންސިލް މެންބަރު މުހައްމަދު އަހުމަދު ވިދާޅުވީ، އެރަށުން ހޮނިހިރުދުވަހުގެ ދުވާލުގެ ވަގުތުތަކުގައިވެސް ދެ ފަހަރެއްގެ މަތީން ކަރަށްޓްގެ ޚިދމަތް މެދުކެނޑުނުކަމަށެވެ. އަދި މިރޭ (ހޮނިހިރު ދުވަހު) އިރުއޮއްސި 6.00 ހާއިރު ކަރަންޓް ދިޔަ ގޮތަށް އަދި ކަރަންޓް ނުލިބޭ ކަމަށެވެ. ފެނަކައާ މަޝްވަރާކުރިނަމަވެސް ކަރަންޓް އަނބުރާ ލިބޭނެ އިރެއް ބުނެނުދެވޭކަމަށް އޭނާ ވިދާޅުވި އެވެ. މުހައްމަދު އަހްމަދު ވިދާޅުވީ،މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި އެރަށުގެ އިންޖީނުގޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއަށްފަހު އެރަށަށް ކަރަންޓް ފޯރުކޮށްދެމުން އައީ އަތޮޅުގެ އެހެން ރަށަކުން ގެނައި ބާ އިންޖީނެއް ބޭނުންކޮށްގެންނެވެ.
ކަރަންޓް ނެތުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް މުހައްމަދު އަހްމަދު ވިދާޅުވި އެވެ.
ފިޔޯރީ އަށް ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ ތިން ޖަނަރޭޓަރު ބޭނުން ކޮށްގެންނެވެ. އެގޮތުން ބޭނުން ކުރަމުން ދިޔައީ 250 ކިލޯވޮޓް ޖަނެރޭޓަރަކާއި 70 ކިލޯވޮޓްގެ ޖަނަރޭޓަރެއްގެ އިތުރުން 80 ކިލޯވޮޓް ޖަނަރޭޓަރެއް ކަމަށެވެ. އޭގެތެރެއިން އަލިފާނުގެ ހާދިސާގައި ހަލާކުވެފައި ވަނީ 250 ކިލޯ ވޮޓްގެ ޖަނަރޭޓަރެވެ.