ކ. މާލެ
|
24 މެއި 2022 | އަންގާރަ 10:25
އިންޑިއާ އައުޓް ކެމްޕެއިން
އިންޑިއާ އައުޓް ކެމްޕެއިން
ސިމާހާ ނަސީމް
މަގޭ ރިޕޯޓް
"އޮޕަރޭޝަން ދަތްދޮޅި"
 
އިންޑިއާ އައުޓަކީ އަމިއްލަ ފައިދާއަށް ހިންގާ ހަރަކާތެއްކަމަށް އެކަމުގައި އުޅޭ ބަޔަކު ވަނީ ބުނަން ފަށާފައި
 
އިންޑިއާ ބޭރުވެއްޖެކަމަށް ބުނުމަށްފަހު އަނެއްކާވެސް އެހަރަކާތައް މަގުމައްޗަށް

މަޖިލިސް މެމްބަރުންތަކެއްގެ ދަތްދޮޅި ދުއްވާލާނެ ކަމަށް ޑިފެންސް މިނިސްޓަރަކު ވިދާޅުވުމުން މީހުންގެ ގާތައް އައީކީ އަމަށަކު ހިންޏެއް ނޫނެވެ. މަޖާވެފައި ޖޯޝުގައި އެވާހަކަ އެބޭފުޅާ ދެއްކެވީ ވަރުގަދަ އާރަކާއި ބާރެއްގައި ހުންނަވައިގެންނެވެ. ސިފައިން ފޮނުވައިގެން ދައުލަތުގެ އެއް ބާރު ކަމުގައިވާ މަޖިލީސް ހުއްޓުވާ އެތަނުގައި ތަޅުއަޅުވައިގެން ހުންނަވައިގެންނެވެ. އޭރުގެ އިދިކޮޅު ހަންމަތަކޮށް ތާއަބަދަށް ވެރިކަމުގައި ދެމިއޮތުމަށް ކުޅަ މަސައްކަތެއްގެ ގޮތުގައެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ އެ ޑިފެންސް މިނިސްޓަރެވެ. ބައެއް މީހުން "މިސްޓަރ ދަތްދޮޅީގެ" ނަމުން އޭރުވެސް އަދި މިހާރުވެސް ގޮވަމުންދާއިރު އޭރު އެކުރި މަސައްކަތަކީ "އޮޕަރޭޝަން ދަތްދޮޅި ކަމުގައި" ކިޔާ އުޅުނެވެ.

އިދިކޮޅަށް އެއްވެލައި ބަހެއް ބުނެލާނެ ޖާގަނުދީ، އަމުދުން މަޖިލިސް ހިސޯރުކޮށްގެން ވެރިކަމުގައި ދެމިތިބުމަށް އެހިންގި ހަރަކާތްތައް ހުއްޓުވީ 2018 ގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނުކުމެ އެޅި ވޯޓުންނެވެ. ބޮޑު ތަފާތަކުން އަޣްލަބިއްޔަތު ހޯދައި ރައްޔިތުން ނިންމި ނިންމުން ބަލައި ނުގަނެ ދެންވެސް ކޯޓު ތެރެއިން އެ ރިޔާސީ އިންތިޚާބު ބާތިލް ކުރެވޭތޯ ކުރި މަސައްކަތް ދިޔައީ ފަނުފުލުންނެވެ. ވެރިކަން ބަދަލުވީއެވެ. އަނދަގޮނޑި ޖަހައިގެން ގެންގުޅުނު އޭރުގެ އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައީއެވެ. އެހެންކަމުން މަޝްހޫރު "އޮޕަރޭޝަން ދަތްދޮޅި" އެފަހަރު ބޮޑުތަނުން ފެއިލްވީއެވެ. މުޅި އޮޕަރޭޝަން ނާކާމިޔާބުވީއެވެ. ބޮޑުތަނުން ފަޟީޙަތްވެސް ވީއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ވެރިކަމުގައި އޮތްއިރު އެންމެ ގާތްކޮށް ގެންގުޅުނު އިންޑިޔާ އައުޓް ކުރަން ނުކުމެއްޖެއެވެ. އަނގައިންނާއި އަތުންވެސް އައުޓް ކުރާން މަސައްކަތް ފެށިއެވެ. މިފަހަރުވެސް އެކަމުގައި އެންމެ އިސްރޯލެއް ކުޅުއްވާ އެއްބޭފުޅަކީ އެއްކަލަ ޑިފެންސް މިނިސްޓަރެވެ. އެހެންކަމުން މިފަހަރުވެސް ބެލެވުނީ "އޮޕަރޭޝަން ދަތްދޮޅީ"ގެ ބައެއް ނުވަތަ އާ ބާބެއްގެ ގޮތުގައެވެ. މުޅި އިދިކޮޅޭ ބުނެ އެއްބަޔަކު ހަދައިގެން އުޅޭ ދެޕާޓީއަކުން ނުކުމެ ޖެއްސުނިއްޔާ ޖެއްސުނު ވައްތަރެއް ޖައްސައި ގޮވުނިއްޔާ ގޮވުނުހާ އެއްޗެއް ގޮވައި ކުރެވުނުހާ ކުރެވުނު ކަމެއްކޮށް އިންޑިއާ އައުޓްވެއްޖެ ކަމަށް އަމިއްލައަށް ކަނޑައަޅައިފިއެވެ. ކުރިންވެސް ބުނިހެން މިއީވެސް އޮޕަރޭޝަން ދަތްދޮޅީގެ ބައެއްކަމަށް ބެލެވުނީ އެކާމިޔާބީވެސް އިއުލާން ކުރެއްވީ އެއްކަލަ ކުރީގެ ޑިފެންސް މިނިސްޓަރު ކަމަށް ވީތީއެވެ. ބައެއް މީހުން ބުނާގޮތުންނަމަ "މިސްޓަރ ދަތްދޮޅި"އެވެ.

އިންޑިއާ އައުޓްވެއްޖެ ކަމަށާއި ހަރަކާތް ކާމިޔާބުވެއްޖެކަމަށް އިއުލާން ކުރިތާ ރޭވެފައި އަލި ނުވިލެނީސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެކަމުގައި އިސްކޮށް ނުކުމެ އުޅުނު އެޕާޓީގެ ނަގާކިޔާ މީހަކު ގޮވާލި ފަތިވަރަކުންނެވެ. އިންޑިއާ އައުޓަކީ ކޯންޗެއްކަމާއި އަމިއްލަ ސިޔާސީ މުހުތާދުތަކެއް ފުއްދަން ބަޔަކު ހިންގާ ޖަރީމާއެއް ކަމަށް އޭނާ ބުނީތީއެވެ.  އެއްވެސް ރޭވުންތެރިކަމެއް މަންޒިލެއް މިސްރާބެއް ނެތް ހަރަކާތެއް ކަމަށް އޭނާ ބުނެފިއެވެ. ބޮޑުން ގޭގައިތިބެ އާދައިގެ މީހުން މަގުމައްޗަށް ނެރެގެން ވެރިންނަށް 2023 އާއި 2024 ހޯދަން ހިންގާ ކަންތައް ގަނޑެއްކަމަށް ބުނެ ހަމަ ފާޅުގައި އެޕާޓީތަކަށް ރަތްމަހަކަށް ނުގޮވާވަރަށް އެސޮރު އެއްޗެހި ގޮވާލިއެވެ. ދެނެކާ ދެނެއް ނެތެވެ. އެޔާއެކު އަނެއްކާވެސް އެފެނުނީ އިންޑިއާ އައުޓަށް މަގުމައްޗަށް ބަޔަކު ނެރުނުތަނެވެ. ބޭރުވެއްޖެ ކަމަށްބުނި އިންޑިއާ ބޭރުކުރާށެވެ.

މިހާހިސާބުން ސުވާލު އުފެދިއްޖެއެވެ. އިންޑިއާ އައުޓް ހަރަކާތް ކާމިޔާބުވެއްޖެ ކަމާއި އިންޑިޔާ އައުޓް ވެއްޖެކަމަށް ނިންމި ނިންމުމަށް މިވީ ކީތްކަމާމެދުއެވެ. އަނެއްކާވެސް އެހަރަކާތް ފެށުނީ ކީއްވެ ހެއްޔެވެ. ގާދޫކޮލުން ފުރުވާލެވުނު އިންޑިޔާ މީހުންތައް އަނެއްކާވެސް އައީ ހެއްޔެވެ.

ކޮންމެއަކަސް ވާނުވާއެއް މިހާރު އޮޅިއްޖެއެވެ. އައުޓް ކުރަން އުޅުނު ދެމީހަކު އެކައްޗެއް ނުކިޔައެވެ. އެތެރޭގައި ހައިޖާނުވެ އެމީހުން އެމީހުނަށް އެއްޗެހި ގޮވަން ފަށައިފިއެވެ. ކާމިޔާބު ކަމަށް ނިންމި ހަރަކާތް މިފަހަރުވެސް ފަނުފުލުން ދިޔައީބާއޭ ބުނަން ފަށައިފިއެވެ. އަނެއްކާ މިފަހަރުވެސް "އޮޕަރޭޝަން ދަތްދޮޅި" ފެއިލްވެ ބޮޑު ފުލޮޕަކަށްވީކީ ނޫންބާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
67%
0%
0%
33%
0%
ކޮމެންޓް