ކ. މާލެ
|
22 މެއި 2022 | އާދީއްތަ 10:09
ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ
މާސާ
ފްރެންޗް ލީގު
އެމްބާޕޭ ކޮންޓްރެކްޓް އައުކުރުމަށްފަހު އުފާ ފާޅުކުރީ ހެޓްރިކަކުން
 
ޕީއެސްޖީން މެޗު ކާމިޔާބުކުރީ 5-0 ން
 
އެމްބާޕޭ ހަދާފައިވަނީ ތިން އަހަރުގެ އެއްބަސްވުމެއް
 
ޕީއެސްޖީއާއެކު އެމްބާޕޭ އައު އެއްބަސްވުމެއް ހެދީ ކްލަބުގެ ހިންގުމުގައި އޭނާއަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް

ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭގެ ކޮންޓްރެކްޓް އައުކުރުމަށްފަހު ފްރެންޗް ލީގުގެ މި ސީޒަންގައި ކުޅުނު ފަހު މެޗުގައި ހެޓްރިކް ހަދައިފިއެވެ.

ޕީއެސްޖީގެ އަމިއްލަ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ އެޓީމު ބައްދަލުކުރީ މެޓްޒްއާއެވެ. މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 5-0 ންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭ ދެލަނޑު ޖެހިއެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޕީއެސްޖީއަށް ތިންވަނަ ލަނޑު ޖަހައިދިނީ ނޭމާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0 ންނެވެ.

ދެވަނަ ހާފުގައި އެމްބާޕޭ ވަނީ ތިންވަނަ ލަނޑެއް ޖަހާ ހެޓްރިކް ފުރިހަމަކޮށްފައެވެ. ޕީއެސްޖީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އެންހެލް ޑިމާރިއާއެވެ. މިއީ ޑިމާރިއާ ޕީއެސްޖީގައި ކުޅުނު ފަހު މެޗެވެ. ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު މިއަންނަ ސީޒަންގައި ޑިމާރިއާ އެކްލަބުގައި ނުހުންނާނެއެވެ.

އެންހެލް ޑިމާރިއާ - މާސާ

ލީގުގެ ފަހު މެޗުގެ ކުރިން އެމްބާޕޭ ވަނީ އޭނާގެ ކޮންޓްރެކްޓް އައުކުރަން ނިންމާފައިވާކަން ރަސްމީކޮށް ސްޓޭޑިއަމްގައި އިއުލާނުކޮށްފައެވެ. އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވަނީ 2025 ވަނަ އަހަރާއި ހަމައަށް ތިން އަހަރުގެ އެއްބަސްވުމެކެވެ. ކޮންޓްރެކްޓް އައުކުރިކަން ހާމަކޮށް އެމްބާޕޭ ބުނީ އޭނަ ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ޕީއެސްޖީން ކޮށްދޭއިރު ކުރިއެރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި އޭނާއަށް ކުރި އިތުބާރަށް އެމްބާޕޭ ވަނީ ޕީއެސްޖީގެ ރައީސް ނަސީރް އަލް ޚެލާފީއަށް ޝުކުރު އަދާކޮށްފައެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ އައު އެއްބަސްވުމެއް ހެދީ ކްލަބުގެ ހިންގުމުގައި އޭނާއަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށެވެ. މިއާއެކު ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ލިއެނާޑޯ މަޤާމުން ވަކިކޮށް އެމްބާޕޭގެ ޚިޔާލާއެކު އައު ސްޕޯޓިން ޑިރެކްޓަރެއް އައްޔަނުކުރާނެއެވެ. އަދި ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ބަދަލުގައި އެހެން ކޯޗެއް ހޯދުންވެސް އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް