ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންއިން ބާއްވާ އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2022ގައި ކްލިކް ކޮލެޖުން ކުޅުނު އަންހެން އަދި ފިރިހެން ޑިވިޝަނުގެ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
ކްލިކް ކޮލެޖުން ދެމެޗުވެސް ކާމިޔާބުކުރީ އައިޔޫއެމްއެސްޔޫ އާއި ވާދަކޮށްގެންނެވެ. މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކްލިކް ކޮލެޖާއި އައިޔޫއެމްއެސްޔޫގެ ފިރިހެން ޓީމެވެ. ކްލިކް ކޮލެޖުން މި މެޗު ކާމިޔާބުކުރީ 8-6ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލިކް ކޮލެޖުގެ އަހުމަދު މަހްފޫޒް މުހައްމަދުއެވެ. ކްލިކް ކޮލެޖު ވަނީ އައިޔޫއެމްއެސްޔޫގެ އަންހެން ޓީމާއި ވާދަކޮށް އެރޭގެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އެމެޗުގެ މޮޅު ކުޅުންތެރިއަކީ ކްލިކް ކޮލެޖުގެ އައިޝަތު ނަޝާޔާއެވެ.
ހޮނިހިރު ދުވަހު ދެން ބައްދަލުކުރީ ސީއެޗްއެސްސީ އާއި މެޕްސް ކޮލެޖުގެ އަންހެން ޓީމެވެ. މި މެޗު ނިމުނީ 9-9ން އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނިީ މެޕްސްގެ އައިޝަތު ލުބްނާއެވެ.