ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އެޓީމުގައި މަޑުކުރަން ނިންމައިފިއެވެ.
ޕީއެސްޖީއާއެކު އެމްބާޕޭ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަންނަ މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ޕީއެސްޖީން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ކޮންޓްރެކްޓް އައުކުރުމަށެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް އައުކޮށްފައި ނުވާއިރު، އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމުގެ އަޑުތައްވެސް ފެތުރުނެވެ. މިދިޔަ ސީޒަނުން ފެށިގެން ރެއާލްއިން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ރެއާލް އަދި ޕީއެސްޖީއާއެކު މަޝްވަރާތައް ކުރުމަށްފަހު މިދިޔަ ހަފްތާގައި އެމްބާޕޭ ބުނީ އޭނާ ގޮތް ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން އާންމުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ދާދި ދެންމެއަކު އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ވަނީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާނެކަމަށް ބުނެފައެވެ. ފެބްރީޒިއޯ ބުނީ އެމްބާޕޭގެ ނިންމުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއަށް އެންގީ ފޯން ކޯލަކުން ކަމަށެވެ. އަދި ޕީއެސްޖީއާއެކު އޭނާ ތިން އަހަރުގެ އެއްބަސްވުމެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ފެބްރީޒިއޯ ބުންޏެވެ.