ރާއްޖޭގައި 2004 ވަނަ އަހަރު ފެށި ލިބަރަލް ޑިމޮކްރަސީ ނިޒާމް ފެށުނު އިރު އައި ކުރިއެރުންތަކެއް މިހާރު ރާއްޖެއިން ނުފެންނަ ކަމަށާއި އެކަމާ ދެރަފުޅުވާ ކަމަށް ސިންގަޕޫރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
13 years ago today I shared my reform agenda with the public. That was instrumental in ushering in a liberal democratic system in Maldives.
— Maumoon Abdul Gayoom (@maumoonagayoom) June 9, 2017
ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ 13 އަހަރު ކުރިން މިއަދަކީ އެމަނިކުފާނުގެ އިސްލާހީ އެޖެންޑާ އާންމުކޮށް ހިއްސާކުރެއްވި ދުވަސް ކަމަށާއި އެ ސިސްޓަމަކީ ލިބަރަލް ޑިމޮކްރަސީ ނިޒާމް ރާއްޖޭގައި އެކަށައެޅުމަށް މަގުފަހިކުރުވި ކަމެއް ކަމަށެވެ.
އަދި ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ 2004 ވަނަ އަހަރު ލިބަރަލް ޑިމޮކްރަސީ ސިސްޓަމް ރާއްޖޭގައި ހިނގަން ފެށުނު ފަހުން ރާއްޖެއަށް އައިސްފައިވާ ޑިމޮކްރަޓިކް ކުރިއެރުމެއް ވޭތުވެދިޔަ ދުވަސްތަކުގައި ފަހަތަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ކުރިއެރުންތައް އިތުރަށް ކުރިއަށް ނުދިއުމަކީ ދެރަފުޅުވާ ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނު އިސްލާހީ އެޖެންޑާއެއް އިއުލާނުކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހް ހަލަބޮލިވެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ބައެއް ފަރާތްތައް އިސްކޮށް ތިބެގެން ފެށި މަސައްކަތްތަކާ ގުޅިގެން އެތެރެއިންނާއި ބޭރުން ކުރިމަތިވި ފިއްތުންތަކާ ގުޅިގެންނެވެ.
After the significant democratic gains Maldives has enjoyed since 2004 it is so disheartening to see the recent reversals of the process.
— Maumoon Abdul Gayoom (@maumoonagayoom) June 9, 2017
ފަހަކަށް އައިސް ރައީސް މައުމޫނު ގެންދަވަނީ އެމަނިކުފާނުގެ ހަޔާތުގައި މީގެ ކުރިން ހިނގާފައިވާ އަދި ކުރައްވާފައިވާ ބައެއް ކަންކަމަށް އަހަރު ފުރުމާ ދިމާކޮށް މިހާރުގެ ހާލަތަށް ނިސްބަތްކުރައްވައި އެ ދުވަސްތައް ފާހަގަކުރައްވަމުންނެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ވަނީ އެމަނިކުފާނު މިސްރުގައި ހުންނެވި ދުވަސްވަރު މެދުކެނޑުމެއް ނެތި ހަތް ގަޑި އިރު ފައިމަގުގައި ހިންގެވި ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އެއީ ހަ ދުވަހުގެ ހަނގުރާމަ ފެށުނު ދުވަހު ހިނގާ ދިޔަ ހާދިސާއެއް ކަން ފާހަގަކުރައްވާފައި ވަނީ އެ ކަމަށް 50 އަހަރު ފުރުމާ ދިމާކޮށެވެ.