ތަށި ހޯދަން ރެޑްވިންގްސް ބާސްކެޓްބޯޅަ ކްލަބަށް އިތުރު ކުޅުންތެރިއަކު ބޭނުންނުވާކަމަށް ކޯޗު އަހުމަދު ނަޒީފް ބުނެފިއެވެ.
އެންމެފަހުން ޤައުމީ މުބާރާތުގެ ފައިނަލްގައި ކިންގްސް ބާސްކެޓް ކްލަބް އަތުން ބަލިވި ރެޑްވިންގްސްގެ ކޯޗު ނަޒީފް ބުނީ އޭނާގެ ޓީމަކީ ދެން އެންމެ އަވަހަށް އޮންނަ މުބާރާތް ކާމިޔާބުކުރެވޭ ވަރުގެ ޓީމެއް ކަމަށެވެ. އެކަން ކުރަން އިތުރު ކުޅުންތެރިއެއް ގެންނަން ނުޖެހޭކަމަށާއި, ޓީމާ މެދު ފުރިހަމައަށް އިތުބާރު އެބައޮތްކަމަށް ނަޒީފް ބުންޏެވެ. ބާސްކެޓްގައި އެންމެ ވަރުގަދަކޮށް ފެންނަ ޓީރެކްސްއާއި, ކިންގްސް ބާސެކެޓް ކްލަބުން ވަނީ އާސީޒަނަށް ޓީމް ވަރުގަދަ ކުރަން އެއް ޓީމު އަނެއް ޓީމުން ކުޅުންތެރިން ގެންގޮސްފައެވެ. އެކަމަކު ރެޑްވިންގްސްއިން އިތުރު ކުޅުންތެރިއަކު ނުހޯދައެވެ. އެސުވާލު އޭނާއާ ވަރަށް ގިނައިން އަމާޒުވާކަމަށް ކޯޗު ނަޒީފް ބުންޏެވެ.
އަޅުގަނޑަށް ހަމަ ފީލްކުރެވެނީ ވަރަށް ސްޓްރޯންގލީ އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑަށް މިހާރުލިބިފައި އެތިބަ ކުޅުންތެރިންނަކީ ހަމަ ކޭޕަބަލް ކުޅުންތެރިންނޭ ދެން އަންނަ މުބާރާތުގެ ތަށި ނަގާވަރުގެ. އެހެންވެއްޖިއްޔާ ދެން ކޮންމެހެން އިތުރު ކުޅުންތެރިއަކު ގެނައުމުގެ ވިސްނުން ގެންގުޅޭނެވެސްކަމެއް ނެތެއްނޫންތޯ.އަހުމަދު ނަޒީފް/ ރެޑްވިންގްސްގެ ކޯޗު
ނަޒީފް ބުނީ އޭނާގެ ޓީމާ މެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި, ވަކި ކުޅުންތެރިއަކު ގެނެސްގެން ރެޑްވިންގްސްއަށް ރަނގަޅު ވަކި ބަދަލުތަކެއް އަންނާނެކަމަށްވެސް ޤަބޫލުނުކުރާކަމަށެވެ. އެއިތުބާރަށް ބަލާ, ޓީމަށް އިތުރު ކުޅުންތެރިއަކު ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އޭނާ ބުންޏެވެ. އޭގެ ބަދަލުގައި ނަޒީފް ބުނީ ދެން އެކުލަވާލާ ޤައުމީ ބާސްކެޓްބޯޅަ ސްކޮޑުން ރެޑްވިންގްސްގެ ކުޅުންތެރިންތަކެއް ފެންނާނެކަމަށް އުއްމީދުކުރާކަމަށެވެ.
ޤައުމީ ފައިނަލްގައި ރެޑްވިންގްސްއިން ވަނީ ޤައުމީ ޓީމްގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކިންގްސްއާ ދެކޮޅަށް ވަރުގަދައަށް ވާދަ ކޮށްފައެވެ. އެކަން ކިންގްސް ބީސީގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޒިލާލްވެސް ފާހަަގަކުރިއެވެ.