ޗައިނާގެ އީސްޓާރން އެއާރލައިންގެ ފްލައިޓް ވެއްޓުމުގެ ފަހަތުގައި ވަނީ ކޮކްޕިޓްގައި ހުރި މީހެއް ކަމަށް ވޯލް ސްޓްރީޓް ޖާރނަލްއިން ރިޕޯޓުކޮށްފިއެވެ.
ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދުގެ ފަރުބަދަތަކުގެ ތެރެއަށް މާރޗް މަހުގެ 21ވަނަ ދުވަހު ފްލައިޓް ވެއްޓި ހިނގި މި ހާދިސާގައި 132 މީހުން ވަނީ މަރުވެފައެވެ. ވެއްޓިފައިވަނީ ބޮއިން 737 މަރުކާގެ ފްލައިޓެކެވެ. މިއީ ފާއިތުވި 30 އަހަަރުގެ ތެރޭގައި ޗައިނާގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ. ޗައިނާގެ ސިވިލް އޭވިއޭޝަނާއި ހަވާލާދީ ރޮއިޓާސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެފްލައިޓް ދަތުރުކުރަމުން ދިޔައީ ޗައިނާގެ ކުންމިން ސިޓީން ގުއަންޒޯ ސިޓީއަށެވެ.
ފްލައިޓް ވެއްޓުނު ސަރަހައްދުން ފެނުނު ކަޅު ފޮށި އިތުރަށް ތަޙުޤީޤު ކުރުމަށް ފޮނުވާފައިވަނީ އެމެރިކާއަށެވެ. މި ތަޙުޤީޤުން ފާހަގަވި ގޮތުގައި ހާދިސާ ހިނގުމުގެ ފަހަތުގައިވަނީ ކޮކްޕިޓްގައި ހުރި މީހެކެވެ. އެއީ އެވަގުތު ފްލައިޓުގެ ކޮންޓްރޯލްގައި ހުރި ޕައިލެޓް ނުވަތަ ޕައިލެޓަށް މީހަކު މަޖުބޫރުކޮށްގެން ގަސްދުގައި ފްލައިޓް ވައްޓާލީ ކަމަށް އެމެރިކާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑާ ހަވާލާދީ ވޯލް ސްޓްރީޓް ޖާރނަލްގައި ރިޕޯޓު ކޮށްފައިވެއެވެ.
އެއާރ ޓްރެފިކް ކޮންޓްރޯލުން ކޮށްފައިވާ ކޯލްތަކަށް ޕައިލެޓްގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މިއީ ގަސްދުގައި ވައްޓާލާފައިވާ ބޯޓެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އެޕްރީލް މަހުގެ 11 ވަނަ ދުވަހު ބުނެފައިވަނީ، ގަސްދުގައި ފްލައިޓް ވާއްޓާލީ ކަމަށް ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކުގެ ސަބަބުން ކަމުގެ ހަޤީޤަތް އޮޅޭ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އެއާރލައިނުންވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.