ކ. މާލެ
|
16 މެއި 2022 | ހޯމަ 17:51
އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ
އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ސިމިއޯނީ އެތުލެޓިކޯގައި މަޑުކުރާނެ
ސިމިއޯނީއާއެކު އެތުލެޓިކޯއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު
އެތުޓިކޯ މިހާރު އޮތީ ލީގު 68 ޕޮއިންޓާއެކު ތާވަލުގެ ތިންވަނާގައި

މިއަންނަ ސީޒަންގައި ޓީމު ދޫކޮށްނުލާނެކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

އުމުރުން 52 އަހަރުގެ ސިމިއޯނީ އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެތުލެޓިކޯއަށް ކޯޗުކަން ކޮށްދެމުންނެވެ. މި މުއްދަތުގެ ތެރޭގައި ސިމިއޯނީ ވަނީ ދެފަހަރުގެ މަތިން އެތުލެޓިކޯއަށް ލަލީގާ ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މި ސީޒަންގައި އެތުލެޓިކޯގެ ފަރާތުން އެދެވޭ ވަރުގެ ކުޅުމެއް ފެނިފައި ނުވާއިރު، ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިދާނެ ކަމުގެ ބިރުވެސް މީގެ ކުރިން އެޓީމަށް އޮތެވެ. މިއާއެކު ގިނަ ބަޔަކު ވަނީ މި ސީޒަން ނިމުމަށްފަހު ސިމިއޯނީ ކްލަބް ދޫކޮށްލާނެތޯ ސުވާލު އުފައްދާފައެވެ.

މިދިޔަ ސީޒަންގައި ލީގު ކާމިޔާބުކުރި އެތުޓިކޯ މިހާރު އޮތީ 68 ޕޮއިންޓާއެކު ތާވަލުގެ ތިންވަނާގައެވެ. މިދިޔަ ސީޒަންގައި އެންމެ ހަތަރު މެޗުން ބަލިވި އެތުލެޓިކޯއަށް މި ސީޒަންގައި ނުވަ މެޗު ނާކާމިޔާބުވިއެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ސެވިއްޔާއާއި ބައްދަލުކުރި މެޗު 1-1 ން އެއްވަރުވުމަށްފަހު ދިން އިންޓަވިއުއެއްގައި ސިމިއޯނީ ވަނީ ކްލަބް ދޫކޮށްނުލާނެކަން ހާމަކޮށްފައެވެ.

މި ސީޒަން ނިމޭއިރު ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ނުލިބި، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ޓީމު ކޮލިފައި ނުވިނަމަ ޓީމާއެކު ސިމިއޯނީ ހަދާފައިވާ އެއްބަސްވުމަށް ބަދަލުތަކެއް އައީހެވެ. ނަމަވެސް މިހާރު އެބިރުވެރިކަމުން އޭނާ ވަނީ ސަލާމަތްވެފައެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް އެތުލެޓިކޯއަށް މިހާރު ޔަގީންވެފައި ވާއިރު، މުބާރާތުގެ ފަހު މެޗުގައި ރެއާލް ސޮސެއިޑާޑް ބަލިކޮށްފިނަމަ ތިންވަނާގައި އެޓީމަށް މި ސީޒަން ނިންމާލެވޭނެއެވެ.

ސިމިއޯނީއާއެކު އެތުލެޓިކޯއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. ޔޫރަޕުގައި މިހާރު އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗަކީ ސިމިއޯނީއެވެ. އޭނާއަށް މުސާރައިގެ ގޮތުގައި އަހަރަކު 34 މިލިއަން ޔޫރޯ ލިބެއެވެ.

- ކޮމެންޓް