ފިންލޭންޑުން ރަސްމީކޮށް ނޭޓޯއާ ގުޅުމަށް ނިންމައިފިއެވެ.
ފިންލޭންޑުގެ މިނިންމުން ރަސްމީކޮށް އިއުލާން ކުރެއްވީ، އެޤައުމުގެ ބޮޑުވަޒީރު ސަންނާ މަރިންއެވެ. މި ނިންމުން އިއުލާން ކުރެއްވުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ފިންލޭންޑްގެ ރައީސް ސައުލީ ނީނިސްޓޯ ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއް ކަމަށާއި، މިއީ މުޅިން އައު ބާބެއްގެ ފެށުން ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވީ، މި ނިންމުމާމެދު ޤާނޫނު ހަދާ މަޖިލީހުން ފުރިހަމަ ބަހުސެއް ކޮށް ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށެވެ. އެއަށްފަހު ރަސްމީކޮށް ނޭޓޯގައި ބައިވެރިވުމަށް ހުށައަޅާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އޭގެ ގަޑިއެއްހާއިރު ފަހުން ސްވިޑްންއިންވެސް ވަނީ ނޭޓޯގައި ބައިވެރިވުމަށް ނިންމުމާ ގާތަށް ޖެހިލާފައެވެ. ސްވިޑްންގެ ވެރިކަން ކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ވަނީ އެކަމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އެކަން ހާމަކުރެއްވީ އެޤައުމުގެ ބޮޑު ވަޒީރު މަގްޑަލީނާ އެންޑަރސަންއެވެ. ބޮޑު ވަޒީރު ވިދާޅުވީ، މި ނިންމުމަކީ ޤައުމުގެ ސަލާމަތާއި، ރައްޔިތުންގެ ސަލާމަތަށް ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށެވެ. ނޭޓޯއާ ގުޅިގެން އަންނަ ސަލާމަތާ ރައްކާތެރިކަން ސްވިޑްންގެ ރައްޔިތުންނަށް ބޭނުންވާކަމަށް ޤަބޫލު ކުރައްވާ ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.
ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ފިންލޭންޑާއި ސްވިޑްންއިން ގެންގުޅެމުން އައި ނިއުޓްރަލިޓީގެ ސިޔާސަތު ދޫކޮށް ނޭޓޯއާ ގުޅުން ވެގެންދާނީ ޔޫރަޕުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ބަދަލުކޮށްލާނެ ކަމަކަށެވެ. ފިންލޭންޑުން އެގައުމުގެ ނިންމުން އިއުލާނުކުރުމާގުޅިގެން ރަޝިއާއިން ވަނީ، މިއީ ސީދާ އެގައުމަށް އަމާޒުކުރި ނުރައްކަލެއް ކަމަށާއި، މިނުރައްކަލާ އެޤައުމުން ކުރިމަތިލާނެކަމަށް ބުނެފައެވެ.
އެގޮތުން އެޤައުމުގެ ސަލާމަތައް ނުރައްކާވާއިރު، މަޑުން ނޯންނާނެކަމަށާއި 'އަސްކަރީ ޚާއްސަ ހަރަކާތްތައް' ކުރިއަށް ގެންދާނެ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.
ނޭޓޯ އުފެދިގެން އައީ 1949 ވަނަ އަހަރު 12 މެމްބަރު ގައުމާއެކުގައެވެ. މިހާރު ނޭޓޯގެ މެމްބަރު 30 ގައުމު އޮވެއެވެ.