ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނުޙައްގުން ޖަލަށް ލާފައިވާ އެންމެހާ ދިވެހި ރައްޔިތުން މިނިވަންކޮށް ލަސްތަކެއް ނުވެ ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ގަލޮޅު ދެނުކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް މިނިވަންވުމާއެކު އެމްއޯޔޫގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ މި ސަރުކާރުން ގާނޫނު އަސާސީ އާއި ހިލާފަށްކުރާ ކަންތައްތަކުގެ ވާހަކަ އިދިކޮޅު ފަރާތަކުން ދައްކާނެ ކަމަށެވެ. ރައްޔިތުންގެ ޙައްގުތަކަށް ކަށަވަރުކުރުމަށް ކުރާ މަސައްކަތް އިދިކޮޅު ފަރާތަކުން ނުހުއްޓާނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.
މަހީލް ވިދާޅުވީ މަހުލޫފް ޖަލަށް ލައިގެން ރައީސް ޔާމީންގެ ސަރުކާރަށް ލިބުނު ފައިދާއެއް ނުވިސްނޭ ކަމަށެވެ. ރައްޔިތުންގެ ހައްގުގައި އާއިލާއާއި ދުރުގައި މަހުލޫފް ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ދުވަސްތައް ހޭދަކުރުމަށް ފަހު މިއަދު މިނިވަންވުމުން އެތައް ހާއްސަ ދިވެހި ރައްޔިތުންގެ ލޯބި މަހުލޫފަށް ލިބިފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ.
" މަހުލޫފް ޖަލަށް ލައިގެން ސަރުކާރަށް ވީ ކޮށް ފައިދާ އެއްތޯ، މިއަދު މަހުލޫފް އެ ނުކުތީ އެތައް ހާއްސަ ދިވެހި ރައްޔިތުންގެ ލޯތްބާއި އެކު، މި ސަރުކާރަށް ކުރާ ކަންތައްތަކަށް ފަސްޖެހޭ ގޮތަކަށް ނޫން މި ތިބީ، ޖަލަށް ލިއަސް ފަހަތަކަށް ނުޖެހޭނެ " މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ކުރަމުންދާ މަސައްކަތް ވަރަށް އަވަހަކަށް ކާމިޔާބްވާނެ ކަމަށާއި، ރައްޔިތުންގެ އެދޭ ބަދަލު ވަރަށް އަވަހަށް މަޖިލީހުގެ ތެރެއިން ފެނިގެންދާނެ ކަމަށެވެ. އަދި އެއަށް ފަހު ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަން ކުރައްވަނީ ތިން ޕަސެންޓް ރައްޔިތުންގެ ތާއިދާ އެކުގައިކަން ފާހަގަކުރަމުން މަލީހް ވިދާޅުވީ އެމަނިކުފާން މުޅިން އެކަނިވެރި ވެއްޖެކަމަށެވެ. މަލީހް ވާހަކަ ނިންމާލާފައި ވަނީ ސަރުކާރު ވައްޓާލުމުގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިނިވަންކުރުމަށް ގޮވާލަމުނެވެ.