ނ.ލަންދޫ ފެނަކަ ބްރާންޗުން އެރަށުގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ ފައިނަލުން ފެނަކައާއި ކައުންސިލް ޖާގަ ހޯދައިފިއެވެ.
ފެނަކަ ފައިނަލުން ޖާގަ ހޯދީ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ, އެއް މެޗުން އެވަރުކޮށް ލިބުނު 10 ޕޮއިންޓާއެކު އެއްވަނަ ޓީމްގެ ގޮތުގައެވެ. ކައުންސިލް ފައިނަލަށް ދަތުރުކުރީ ދެ މެޗުން މޮލުވެ, އެއް މެޗު އެއްވަރުވެ އަދި އެއް މެޗުން ބަލިވެ ލިބުނު ހަތް ޕޮއިންޓާއެކު ދެވަނަ ޓީމްގެ ގޮތުގައެވެ. ތިންވަނައިގައި އޮތް ޕޮލިސްއާއި, ހަތަރުވަނާގައި އޮތް ޞިއްޙީމަރުކަޒްއަށްވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލަންދޫ ސްކޫލް ފުލުގައި އޮތީ ތިން ޕޮއިންޓްއާއިއެކުގައެވެ.
ކައުންސިލް ފައިނަލްގެ ޖާގަ ޔަޤީންކުރީ ހުކުރު ދުވަހުގެރޭ 6-5 ން ލަންދޫ ޕޮލިސް ބަލިކޮށްގެންނެވެ. މެޗުގައި ކައުންސިލް ޓީމްގެ ސަމްއޫން ތިން ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ޕޮލިސް ޓީމްގެ ނައުޝާދު އަބުދުއްރަހީމްވެސް މެޗުގައި ތިން ލަނޑު ޖެހިއެވެ. ޞިއްޙީމަރުކަޒަށް ފުރުޞަތު ގެއްލުނީ ފަހު މެޗުގަައި ލަންދޫ ސްކޫލް އަތުން ބަލިވެގެންނެވެ. މެޗުން ލަންދޫ ސްކޫލް މޮޅުވީ 4-3 ނެވެ.
ލަންދޫ ފެނަކައާއި, ކައުންސިލް ވާދަކުރާ ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހުގެ ރޭއެވެ.