ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 09:20
ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހަ
ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހަ
އަލްޖަޒީރާ
އިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިޔާ މަރާލުން
"ޕްރެސް" ޖެކެޓް އަޅައިގެންވެސް ފަލަސްތީނުގެ ބިމުގައި ނޫސްވެރިޔާއަށް ލިބުނު ހިމާޔަތެއް ނެތް
 
އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެފައިވަނީ ޝީރީން މަރުވީ ފަލަސްތީނުގެ ހަތިޔާރު އެޅި މީހަކު ދިން ހަމަލާއަކުން ކަމަށް ވުމަކީ ކައިރި ކަމެއްކަމަށް
 
އިސްރާއީލު ސިފައިންނަށް ހަމަލާމިދެވެނީ ނޫސްވެރިންނަށްކަން އެނގުނުފަހުންވެސް އެމީހުންނަށް ހަމަލާތައް ދެމުންދިޔަ
 
އިސްރާއީލުން ހަމަލާދީފައިވަނީ ގަސްތުގައި އެކަމަށް ޓާގެޓްކޮށްގެން

އަލްޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީން އަބޫ އަޚްލީހަށް އިސްރާއީލުގެ ސިފައިން ހަމަލާދީފައިވަނީ މަސައްކަތުގައި އުޅެމުންދަނިކޮށެވެ. ހުޅަނގު އައްސޭރީގައި ޖެނީން ސިޓީގައި އިސްރާއީލުން ހިންގަމުންދިޔަ އޮޕަރޭޝަން ކަވަރުކުރަމުންދިޔަ ޝީރީން އިސްރާއީލުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެގެންދިޔައީ އޭނާއަކީ ނޫސްވެރިއެއްކަން އެނގޭ ގޮތަށް ޕްރެސް ޖެކެޓްވެސް އަޅައި ބޮލުގައި ހެލްމެޓްވެސް އަޅާފައި ހުއްޓައެވެ. ޝީރީން އަށް ހަމަލާދިނުމަށްފަހުވެސް އިސްރާއީލުން ދިޔައީ ޝީރީން އަށް އެހީވުމަށް މަސައްކަތްކުރި މީހުންނަށްވެސް އަމާޒުކޮށް ބަޑީގެ ހަމަލާދެމުންނެވެ. އެހެންކަމުން އޭނާ ހޮސްޕިޓަލާ ހިސާބަށް ގެންދިޔުމަށްވެސް ދަތިތަކާ ކުރިމަތިވި މަންޒަރު ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

ހޮސްޕިޓަލަށް ގެންދިޔަތަނާ ޝީރީން މިފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔައިފިކަމުގެ ހިތާމަވެރި ޚަބަރު ހޮސްޕިޓަލުން ދިނެވެ. އިސްރާއީލުން ނޫސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އަލްޖަޒީރާގެ އެހެން ނޫސްވެރިއެއް ކަމުގައިވާ އަލީ އަލް ސަމައުދީ ވަނީ ޒަޚަމްވެފައެވެ. އެނާގެ ބުރަކަށްޓައް ވަޒަން އަރާފައިވާއިރު އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މަންޒަރުދުށް މީހުން ބުނަނީ ކީކޭ؟

އިސްރާއީލުން ޝީރީންމެންނަށް އަމާޒުކޮށް ހަމަލާދެމުންދިޔައިރު އެތަނުގައި ތިބި މީހުން ބުނާގޮތުގައި އިސްރާއީލުން ހަމަލާދީފައިވަނީ ގަސްތުގައި އެކަމަށް ޓާގެޓްކޮށްގެންނެވެ. ޝީރީން އާއެކު ދެން އުޅުނު އެހެން ނޫސްވެރިއެއް ކަމުގައިވާ ޝާތާ ހަނާއިޝާ ބުނީ ޖެނިންގެ ތެރެއަށް އޭނާ އާ އެހެން ނޫސްވެރިން ވަނުމަށް މަސައްކަތްކުރަމުން ދަނިކޮށް ހަމަލާދޭން ފެށުމުން ލިބުނީ ކުއްލި ސިހުމެއްކަމަށެވެ. ޝާތާ ބުނާގޮތުން އެމީހުންނަށް އަމާޒުކޮށް ހަމަލާދިން އިސްރާއީލު ސިފައިންނަށް އެމީހުންނަކީ ނޫސްވެރިންކަން ރަނގަޅަށް އެނގޭނެއެވެ.

ޝީރީން އަށް އަމާޒުކޮށް ހަމަލާދިނީ ގަސްތުގައި އޭނާ މަރާލަން. އެއީ ވަޒަން އަރާފައިވަނީ ބަޑީގެ ހަމަލާތަކުން ދިފާއުވުމަށް ޖެކެޓެއް ކަހަލަ އެއްޗަކުންވެސް ނިވާނުކުރެވޭ ހިސާބަކަށްވާތީ. އެ ހަމަލާއަކީ އެމީހުން އަސްލަށްވެސް އަހަރުމެން މަރާލަން ދިން ހަމަލާއެއް ނޫންކަމަށް ވާނަމަ އަހަރުމެން އެތަނަށް ދިޔުމުގެ ކުރިންވެސް އެސަރަހައްދަށް އެމީހުން ހަމަލާދޭނެ. މިއީ ހަމަ ނޫސްވެރިއަކު ގަސްތުގައި މަރާލުމަށް އެމީހުން ހިންގި ޖަރީމާއެއް
ޝާތާ ހަނާއިޝާ / ނޫސްވެރިއެއް

ޝާތާ ބުނީ އެމީހުން ތިބީ ވަރަށް ބޮޑަށް ބެދިފައިވާ ސަރަހައްދެއްކަމުގައި ކަމުން ފަސޭހަކަމާއެކު އެތަނުން ނިކުމެވޭނެ ގޮތެއްވެސް ނެތްކަމަށެވެ. އެމީހުން ތިބީ އިސްރާއީލުގެ ސްނައިޕަރުންނާ ދިމާލުގައިކަމަށް އޭނާ ބުންޏެވެ.

ހަމަލާދިން ވަގުތު އެތަނުގައި ހުރި އެހެން ނޫސްވެރިއެއް ކަމުގައިވާ މުޖާހިދު އަލް ސާދީ ބުނީ އިސްރާއީލު ސިފައިންނަށް ހަމަލާމިދެވެނީ ނޫސްވެރިންނަށްކަން އެނގުނުފަހުންވެސް އެމީހުންނަށް ހަމަލާތައް ދެމުންދިޔަކަމަށެވެ. އެހަމަލާތައް ހުއްޓުމަކަށް ނާންނަކަމަށް މުޖާހިދު ބުންޏެވެ. އަދި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހަމަލާ އަމާޒުވެގެންދިޔައީ ކަމަށް މުޖާހިދު ބުންޏެވެ.

އަހަރެން ގްރޫޕްގެ އެހެން މީހުން ކައިރީގައި ބުނެފިން އަހަރުމެންނަށް މިވަނީ ހަމަލާތައް އަމާޒުވެފައޭ. އަހަރުމެންނަށް މިވަނީ ޓާގެޓްކޮށްފައޭ. އެހެން ބުނެފައި އެނބުރިލިތަނާ އަހަންނަށް ފެނުނީ ޝީރީން ބިންމައްޗަށް ވެއްޓިފައިވާތަން. އޭގެ ފަހުންވެސް ދެތިން މިނެޓް ވަންދެން ހަމަލާތައް ދެމުންދިޔަ. އަލީ އަށް މަގު ހުރަސްކޮށް އަނެއް ފަރާތަށް ދެވުނު. ނަމަވެސް އޭނާ ވަނީ ޒަޚަމްވެފައި. އަހަރެން ހިމާޔަތްހޯދީ އެތާކައިރީގައި ހުރި ސިމެންތި ފެކްޓްރީއެއްގެ ސިޑިދަށުން. ނަމަވެސް ހަމަލާތައް ކުރިޔަށްދާތީ އަހަރުމެންނަށް ޝީރީން އަށް ފަސްޓްއެއިޑްވެސް ފޯރުކޮށްނުދެވުނު
މުޖާހިދު އަލް ސާދީ / ނޫސްވެރިއެއް

ހަމަލާއާ ގުޅޭގޮތުން އިސްރާއީލާ ފަލަސްތީނުން ބުނަނީ ކީކޭ؟

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވާ ގޮތުގައި އިސްރާއީލުން މިހަމަލާދިނީ ގަސްތުގައި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން މަރާލުމަށެވެ. އަދި ޝީރީންގެ މަރުގެ ފުރިހަމަ ޒިންމާ އިސްރާއީލުން ނަގަންޖެހޭނެއެވެ. އައްބާސް މިހަމަލާ ސިފަކުރެއްވީ ގަސްތުގައި ހިންގި ޖަރީމާއެއްގެ ގޮތުގައެވެ.

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްކަމުގައިވާ ޚާލިދާ ޖައްރާރު ވިދާޅުވީ ޝިރީން އަކީ ފަލަސްތީނުގެ އަޑު ގެނެސްދޭ މީހެއްކަމަށެވެ. އަދި އިސްރާއީލުން އޭނާ މަރާލާފައިވާކަމަށެވެ.

އަހަރެން ޖަލުގައި ހުރިއިރު ޝީރީން އަކީ އަހަރެންގެ އަޑު. އަހަރުމެންގެ އަޑު ބޭރަށް ގެނެސްދޭ މީހަކީ ޝީރީން. ޝީރީން އަކީ ކޯޓު އަޑުއެހުންތަކުން އެންމެ ފުރަތަމަ ފެނުނު މީހާ. މިއީ ޓާގެޓްކޮށްގެން ގަސްތުގައި ދީފައިވާ ހަމަލާއަކާމެދު އެއްވެސް ޝައްކެތް ނެތް.
ޚާލިދާ ޖައްރާރު/ މެމްބަރެއް

ހަމަލާގައި ޝީރީން މަރުވުމާއި ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން އެންމެ ފުރަތަމަ ބުނީ ޝީރީން މަރުވީ ފަލަސްތީނުގެ މީހުން ދިން ހަމަލާއެއްގައި ކަމަށްވުންވެސް އެކަށީގެންވާކަމަށެވެ. އެއީ ހަމަލާދިން ތަނުގައި ފަލަސްތީނުގެ ހަތިޔާރު އެޅި މީހުންވެސް ހަރަކާތްތެރިވަމުންދިޔައީމަ ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްވެސް ވިދާޅުވެފައިވަނީ ޝީރީން މަރުވީ ފަލަސްތީނުގެ ހަތިޔާރު އެޅި މީހަކު ދިން ހަމަލާއަކުން ކަމަށް ވުމަކީ ކައިރި ކަމެއްކަމަށެވެ.

އަހަރުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޝީރީން މަރުވެފައިވަނީ ފަލަސްތީނުގެ ހަތިޔާރު އެޅި މީހުން ދިން ހަމަލާތަކެއްގައި. ހަމަލާތައް ދެމުންދިޔަ ގަޑިއަކީ ފަލަސްތީނުގެ ހަތިޔާރު އެޅި މީހުންވެސް ހަމަލާތައް ދެމުންދިޔަ ވަގުތެއް.
ނަފްތާލީ ބެނެޓް / އިސްރާއީލުގެ ބޮޑުވަޒީރު

ނަމަވެސް އިސްރާއީލުގެ އިސްވެރިން ދައްކަމުންދިޔަ މިވާހަކަތަކުގެ ރާގު ފަހުން ވަނީ ބަދަލުވާން ފަށާފައެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް ލެފްޓިނެންޓް ޖެނެރަލް އަވީވް ވިދާޅުވީ ނޫސްވެރިޔާ މަރުވީ ކާކުދިން ހަމަލާއަކުންކަމަށް ސާފުނުވާކަމަށެވެ.

އަދި މިވަގުތު އެއީ ކާކު ކޮންތާކުންދިން ހަމަލާއެއްކަން ދެނެގަނެވިފައިނުވާކަމަށާއި ނަމަވެސް ޝީރީންގެ މަރާ ގުޅިގެން އެކަމާ ހިތާމަކުރާކަމަށެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ބެނީ ގަންޓްޒް ގެ ރާގުވެސް ވަނީ ތަންކޮޅެއް ޑިޕްލޮމެޓިކް ގޮތަަކަށް ބަދަލުވެފައެވެ.

އެހާދިސާ އަސްލު ހިނގާދިޔަ ގޮތް އަހަރުމެން މިދަނީ ބަލަމުން. އަދި ނެތް އެކަމުގައި ވަކި ގޮތެއް ނިންމޭކަށް.
ބެނީ ގަންޓްޒް / އިސްރާއީލުގެ ޑިފެންސް މިނިސްޓަރ

ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނަނީ ކީކޭ؟

އިސްރާއީލާއި ފަލަސްތީނުގެ ހިޔުމަން ރައިޓްސް ވޮޗްގެ ޑިރެކްޓަރ އުމަރު ޝާކިރު ވިދާޅުވީ އެޖަމިއްޔާއިން އަންނަނީ ޝީރީން މަރުވި ގޮތް ބަލަމުންނެވެ. އަދި އިސްރާއީލުން ކުރާ މިފަދަ ކަންކަން ބެލުމަށް ކުރާ ތަހުގީގުތަކަކީ ތަހުގީގަކަށްވުރެ ބޮޑަށް ކުރާކަންކަން ފޮރުވުމަށް ކުރާ ކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.

އިސްރާއީލުން ހިންގާ މިފަދަ ކަންކަން މިހާތަނަށް އައިއިރު ބެލި އެކަންކަމަށް ފިޔަވަޅު އެޅިފައިނުވާކަމަށް އުމަރު ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް ގެ އެގްޒެކެޓިވް ޑިރެކްޓަރ ބާރބަރާ ޓްރިއޮންފީ ވިދާޅުވީ ޝީރީން މަރާލަން ދިން ހަމަލާއަކީ ހުޅަނގު އައްސޭރިއާ ގައްޒާގައި ނޫސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދިން ހަމަލާއެއްކަމަަށެވެ. ބާރބަރާ ވަނީ މިއީ ޝީރީން އަށް އަމާޒުކޮށް ދިން ހަމަލާއެއްތޯ ބެލުމަށް މިނިވަން ތަހުގީގެއް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިސްރާއީލުގެ އެކި މުއައްސަސާތައް ހިމެނޭ މިފަދަ ކަމެއްގައި އެފަދަ ތަހުގީގެއް ހިންގުމަކީ ނާދިރުކަމެއްކަމަށް ބާރބަރާ ވިދާޅުވިއެވެ.

ދެންވާނީ ކިހިނެއް؟

ޝީރީން އަކީ ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ނޫސްވެރިއެކެވެ. ޝީރީންގެ މަރާ ގުޅިގެން ހުޅަނގު އައްސޭރީގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެގެންދާނެއެވެ.

ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކާއި، ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ އިދާރާތަކުން ބުނާގޮތުން މިކަން ހިނގާދިޔަ ގޮތް ބެލުމަށް ރަނގަޅަށް ތަހުގީގެއް ހިންގަންޖެހޭނެއެވެ. މިހާތަނަށް އައިއިރުވެސް އިސްރާއީލުން ހިންގާފައިވާ މިފަދަ ޖަރީމާތައް ރަނގަޅަށް ތަހުގީގު ކުރެވިފައެއްނުވެއެވެ.

އަނެއްކޮޅުން މިކަން ބަލާ ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތުން އިސްރާއީލަށް ކުރިމަތިވާނީ ކިހާ މިންވަރެއްގެ ފިއްތުންތަކެއްތޯ ސުވާލު އުފެދެއެވެ. ވަކިން ޚާއްސަކޮށް އެމެރިކާގެ ފަރާތުން އެއްވެސް ފިއްތުމެއް އިސްރާއީލަށް ކުރިމަތިވާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް