ލީގު މެދުކަނޑާލާއިރު އެއްވަނަ މާޒިޔާއިން ޔަޤީންކޮށްފިއެވެ. އަންގާރަ ދުވަހުގެރޭ ގްރީން ސްޓްރީޓްސް އަތުން ހޯދި މޮޅުގެ ސަބަބުން ލީގު ބްރޭކަށްދާއިރު މާޒިޔާއަށް ވަނީ އެއްވަނަ ޔަޤީންވެފައެވެ.
ގްރީންގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 4-0 ނެވެ. މެޗުގައި މާޒިޔާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ދެވަނަ ހާފްގައެވެ. ފުރަތަމަ ލަނޑު މެޗު ފަށައިގެން 31 ވަނަ މިނިޓްގައި ޖެހީ އައިސަމްއެވެ. މާޒިޔާގެ ދެވަނަ ލަނޑުވެސް ޖެހީ އޭނާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އައިސަމް ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނިޓްގައެވެ. މާޒިޔާއަށް ތިންވަނަ ލަނޑު ޖަހައިިދިނީ ނާއިޒު ހަސަން (ދާދު) އެވެ. ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް އިބްރާހީމް ވަހީދު (އިއްބެ) އެވެ.
މާޒިޔާ ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ގްރީންއިންވެސް މެޗުގައި ލަނޑު ޖަހަން ރަނގަޅު ދެފުރުޞަތު ތަނަވަސްކުރިއެވެ. ފުރަތަަމަ ފުރުޞަތުގައި އަލީ ސާމިޝް (ތޮއްޕޭ) އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ މަތަކުރީ މާޒިޔާ ކީޕަރު ކިރަންއެވެ. ފުރަތަމަ ހާފްގައިވެސް ތޮއްޕޭ ފޮނުވާލި ބޯޅައެއް ކިރަން މަތަކުރިއެވެ. ހަސަން ނަޒީމް (ޗޯޓް) ހުސްކޮށް ބޯޅަ ހިފައިގެން ވަދެ, ގޯލްގެ ދުރުކަނަށް ފޮނުވާލި ބޯޅަވެސް ސަލާމަތްކުރީ ކީޕަރު ކިރަންއެވެ. މެޗުގައި އިތުރު ލަނޑު ޖަހަން މާޒިޔާއަށްވެސް ފުރުޞަތު ލިބި ގްރީންގެ ގޯލަށް ނުރައްކާ ކުރިއެވެ.
މިމޮޅާއެކު މާޒިޔާ އެއްވަނާގައި އޮތީ 12 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ގްރީން އޮތީ 14 ޕޮއިންޓްގައެވެ. މާޒިޔާއަށް ދެން އޮންނާނީ އޭއެފްސީކަޕް ގްރޫޕް ސްޓޭޖްގެ މެޗުތަކެވެ. ލީގުގެ މެޗެއް މާޒިޔާއަށް ދެން އޮންނާނީ ޖޫން މަހުގެ 22 ވާ ބުދަ ދުވަހުގެ ރެއެވެ. އެމެޗުގައި ވާދަކުރާނީ ޓީސީއާއެވެ. ގްރީން އެދުވަހު ހަވީރު ވާދަކުރާނީ ސަސްއާއެވެ.