ސްރިލަންކާގައި މިހާރު ހިނގަމުދާ ހަމަނުޖެހުމުގެ ތެރެއިން އެ ގައުމުގެ ސިވިލް އޭވިއޭޝަން ޗީފް، ކެޕްޓަން ތެމިޔާ އަބޭވިކްރަމާގެ ބޮލުގައި އަޅުވަމުންދާ އިލްޒާމުތަކަކީ ހަގީގަތެއް ނެތް ދޮގު އިލްޒާމުތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރެފައިވާ ބަޔާނުގައި ބުނީ، ގަވާއިދާ ޚިލާފަށް ވަކި ބަޔަކު ލަންކާއިން ފުރުވާލުމަށް ސިވިލްއޭވިއޭޝަން ޗީފް މަސައްކަތް ކުރާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއްވެސް މީހަކަށް ނުވަތަ ޕައިލެޓަކަށް ދަތުރުކުރުމަށް އިންޒާރުދީ ބިރު ދައްކާފައި ނުވާނެ ކަމަށެވެ.
އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އަދި ވަޒީފާގެ ޒިންމާއޮތް މީހެއްގެ ހައިސިއްޔަތުން އެ ތުހުމަތުތައް ދޮގު ކުރާ ކަމަށް ބަޔާނުގައި ވެއެވެ.
ހޯމަ ދުވަހު ސްރީލާންކާގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގައި ހަތް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، 200 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބި ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް ރިޕޯޓް ތައްބުނެއެވެ.
ހޯމަ ދުވަހު ސްރީލަންކާގެ މަސްރަހު ހޫނުވާން ފަށާފައިވަނިކޮށް އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އަދި އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ގަބޫލުކުރައްވާފައެވެ.
މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ފަހު އޭނާއާއި އާއިލާ ގެކޮޅުން ނެރެގެން ގެންދަން ޖެހުނީ ހަތިޔާރު އެޅި ރަޔަޓް ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި ފަތިހުގެ ވަގުތެއްގައެވެ. އަދި އެއާއިލާ ގެންދެވުނު ތަނެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އޭގެކުރިން މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ރާޖަޕަކްސަ އާއިލާ އަށް ނިސްބަތްވާ ގެއެއްގައިވެސް ހުޅުޖަހާ އަންދާލާފައެވެ. އެގެއަކީ ރާޖަޕަކްސަ އާއިލީ ކަންކަން ދައްކާދޭ މިއުޒިއަމް އެއްހަދާފަ ކުރި ތަނެކެވެ. އެތަނުގައި ހުރި ރާޖަޕަކްސަ ސީނިއަރ އަދި އަނބިކަނބަލުންގެ ސޫރައިގައި ހަދާފަ ހުރި ދެބުދުވެސް ވަނީ މުޒާހަރާކުރާ ފަރާތްތަކުން ތަޅާ ނައްތާލާފައެވެ.
ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކަރިސާއާއެކު އެގައުމު ހަލަބޮލިވެ ހުކުރު ދުވަހު ރައީސް ގޮތަބަޔާ ކުއްލި ހާލަތު އިއުލާން ކުރެއްވިއެވެ. އަދި އެއަށްފަހު މީހުން ނިކުމެ އުޅުން ހުއްޓުވުމަށް ކާފިއުވެސް އިއުލާނުކުރިއެވެ. ނަމަވެސް ކަރފިއުއަށް ބެލުމެއްނެތި އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށް ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. އެގޮތުން ސަރުކާރުގެ ބައެއް ވަޒީރުންނާ މަޖިލިސް މެމްބަރުންގެ ގެތެކާއި ވިޔަފާރިތަކާއި އޮފީސްތައް އަދި އުޅަނދުތަކުގައި ރޯކޮށް ގެއްލުންދީފައިވެއެވެ.
ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ލިބޭ ރިޕޯތްތައް ބުނާ ގޮތުގައި ހޯމަ ދުވަހު އެގައުމު ހަލަބޮލިވެގެން ދިޔަ ނަމަވެސް އަންގާރަ ދުވަހު ގައުމު ވަނީ ނިސްބަތުން ވަރަށް ބޮޑަށް ހިމޭން ވެފައެވެ. ނަމަވެސް މުޒާހަރާ ކުރަން ނިކުތްމީހުން ބުނަމުން ދަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށާ ގޮތަބަޔާ އިސްތިއުފާދެއްވަންދެން އިޙްތިޖާޖްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
ރާޖަޕަކްސަ އާއިލާއިން ވަނީ ގައުމަށް ޚިޔާނާތްތެރިވެފައި ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް އަޑު އުފުލަމުންނެވެ. އަދި ގައުމު މިއަދު އިގްތިސާދީ ގޮތުން ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް ރާޖަޕަކްސަ އާއިލާއިން ނަހަމަ ގޮތުގައި ނަންގަވާފައިވާކަމަށް ބުނާ ފައިސާ އަވަހަށް އަނބުރާ ހޯދުމަށް ވެސް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.