ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އިރާނަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެކަމަށް އިރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ސައީދު ޚާތިބްޒަދީހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްޕޯކްސްޕާސަން ވިދާޅުވީ ގަތަރުގެ އަމީރު އިރާނަށް ވަޑައިގަންނަވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްކަމަށެވެ. އަމީރުގެ ދަތުރުފުޅަށްފަހު އިރާނުގެ ރައީސް ގަތަރަށް ވަޑައިގަންނަވާނެކަމަށް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
ގަތަރުގެ އަމީރު އިރާނަށް މިވަޑައިގަންނަވަނީ ޖަރުމަނާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ބައެއް ގައުމުތަކަށް އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދެއްކެވުމުގެ ކުރިން އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްކަމަށް ރޮއިޓަރސް އިން ބުނެއެވެ.
ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގަތަރުގެ އަމީރު މަސައްކަތްކުރައްވަނީ އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމުގެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެއްބަސްވެވޭ ކަންތައްތަކެއް އެކުލަވާލުމަށެވެ.
ގަތަރުގެ އަމީރު އެންމެ ފަހުން އިރާނަށް ވަޑައިގެންނެވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއީ އިރާނުގެ ރެވޮލިޔުޝަނަރީ ގާޑުގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ދިން ހަމަލާގައި އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން އިރާނާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރުގައެވެ.
އިރާނުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓްކުރާ ގޮތުގައި ގަތަރުގެ އަމީރުގެ މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ގުޅުން އެކިދާއިރާތަކުން އެއްބަސްވުންތައް ގާއިމުކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އިރާނުގެ ރައީސް އިބްރާހީމް ރައީސީ މިއަހަރުގެ ފެބްރުއަރީ މަހު ދޯހާއަށް ކުރެއްވި ދަތުރުފުޅާ ގުޅުންހުރި އެއްބަސްވުންތަކެކެވެ.