މުހިއްމު މެޗެއްގައި ލީޑްސް ޔުނައިޓެޑް ބަލިކޮށް, އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ޔަގީންކުރުމަށް އާސެނަލްއިން މުހިއްމު ތިން ޕޮއިންޓް ހޯދައިފިއެވެ. ލީޑްސް ޔުނައިޓެޑްގެ މައްޗަށް އާސެނަލް ކުރި ހޯދީ 2-1ންނެވެ.
މިމޮޅާއެކު އާސެނަލް ވަނީ 35 މެޗުން 66 ޕޮއިންޓް ހޯދާފައެވެ. އާސެނަލްގެ ފަހަތުގައި އޮތް ޓޮޓެންހަމަށް 35 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. އެހެންކަމުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން ކުރިއަށް އޮތް ތިން މެޗުން އާސެނަލްއަށް ބޭނުންވަނީ ހަ ޕޮއިންޓެވެ. ލީޑްސް ޔުނައިޓެޑް ކޮޅަށް އާސެނަލްގެ ދެލަނޑު, ފުރަތަމަ 10 މިނިޓްގެ ތެރޭގައި ޖެހީ ރަނގަޅު ފޯމެއްގައި ހުރި ޒުވާން ފޯވާޑް އެޑީ އެންކެޓިއޭއެވެ.
އާސެނަލް ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ކުރި ނުރައްކާތެރި ފައުލަކަށް ލީޑްސްގެ ކެޕްޓަން ލޫކް އައިލިންގއަށް ރަތްކާޑެއް ދެއްކިއެވެ. މެޗުގެ ބޮޑުބައި ލީޑްސްއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އޭގެ ފައިދާއެއް އާސެނަލްއަކަށް ނުނެގުނެވެ. އޭގެ ބަދަލުގައި ލަނޑުޖެހީ ލީޑްސްއިންނެވެ. 66 ވަނަ މިނިޓްގައި ލީޑްސްގެ ލަނޑު ޖެހީ ލޮރެންޓޭއެވެ. މެޗުން ބަލިވުމުން ލީޑްސް އޮތީ ރެލިގޭޝަން ޒޯންގައެވެ.
ލީގުގައި އެވަޓަން ވަނީ 2-1ން ލެސްޓަރ ސިޓީ ބަލިކޮށްފައެވެ. މޮޅާއެކު އެވަޓަން ވަނީ ރެލިގޭޝަނުން ސަލާމަތްވެފައެވެ. އަދި ވެސްޓްހޭމް ޔުނައިޓެޑް ވަނީ 4-0ން ނޮރިޗް ސިޓީ ބަލިކޮށްފައެވެ. ވެސްޓްހޭމް އޮތީ 55 ޕޮއިންޓާއެކު ހަތްވަނާގައެވެ.