ކ. މާލެ
|
8 މެއި 2022 | އާދީއްތަ 19:41
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ
ޕީޕީއެމް
މަގޭ ރިޕޯޓް
ރައީސް ޔާމީންގެ ދިވެހިވަންތަ ގައުމީ ޓްވީޓްތައް
 
ތާއީދު ހޯއްދަވަން ބޭނުންފުޅުވެ ކުރައްވާ ޓްވީޓްތައް އެ މީހުންނަށްވެސް ފަހުމުވާފަދަ ގޮތަކަށް އިބާރާތްކުރައްވަން ވާނެ
 
ދިވެހިންނާ މުޚާތަބުކުރައްވާއިރު ދިވެހި ބަހަށް އިސްކަންދިނުން ރަނގަޅުވާނެ
 
އެ ވިދާޅުވާ ބަސްފުޅުތަކުގެ މާނަ ހޯދައިގެން ނޫން ގޮތަކަށް އެ ވާހަކަތަށް ފަހުމް ނުވާނެ ކަމަށް މިކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުން

އެކި މީހުން ސަމާލުކަން ހޯދާނީ އެކި ގޮތަށެވެ. މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ހިނގަނީ ކުރީގެ ރައީސް ޔާމީންގެ ޓްވީޓްތަކަށް ފާޑުކިޔައި ހަދާފައިވާ މީމްސް ތަކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެކަމަށް މީހުން ފާޑު ކިޔާވަރަށް އެ ޓްވީޓްތަކުގައި އިނގިރޭސިކަން ބޮޑެވެ.

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓްވިޓާ އެކައުންޓެއް ހެއްދެވީ މި މެއި މަހުގެ 4ވަނަ ދުވަހުއެވެ. އަދި ވެރިފައިވެސް ނުކުރައްވައެވެ. އެންމެ ފުރަތަމަވެސް ވިދާޅުވީ ދިވެއްސަކަށްވީތީ ފަޚުރުވެރިވެވަޑައިގަންވާ ކަމަށެވެ. އޭގެ ފަހުން ކުރައްވާ ޓްވިޓްތަކުގައި ބޭނުން ކުރައްވާ އިނގިރޭސިބަސްތައް ދަނީ އާންމު ދިވެހިންގެ ބޯމަތިންނެވެ. އެ މަނިކުފާނުގެ ޓްވީޓްތައް ކިޔުމުގެ ކުރިން ޑިކްޝަނަރީއެއް އޮތްތާކުން ހޯދައި ހިރަފުސް ފޮޅައިގެން އިންނަން ހުޅުވަން ކަމަށް ބައެއް މީހުން ބުނެއެވެ. އެ ވިދާޅުވާ ބަސްފުޅުތަކުގެ މާނަ ހޯދައިގެން ނޫން ގޮތަކަށް އެ ވާހަކަތަށް ފަހުމް ނުވާނެ ކަމަށް މިކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިކަން މިހެން ނުވާންވީ ސަބަބެއް ނެތެވެ. ޓްވިޓަރ ބޭނުންކުރާ ކޮންމެ މީހަކީ އިނގިރޭސި ބަހުން ޕީއެޗްޑީއެއް އޮންނަ މީހެއް ނޫނެވެ. އެހެންކަމުން އެއަށްވުރެ ތިލަކޮށް އާންމު ދިވެހިންނަށް ފަހުމްވާނެ ފަދަ ބަސްތަކެއް ބޭނުން ކުރެއްވިއަސް އެމަނިކުފާނުގެ އިނގިރޭސީ ބަށްކޮށާރަށް ހުތުރެއް ނުވާނެކަން ޔަގީނެވެ. އަދި އެމަނުކުފާނަކީ ރާއްޖޭގެ ކުރީގެ ރައީސެއް ނޫނޭވެސް މީހަކު ނުބުނާނެކަން ޔަގީނެވެ.

ދިވެއްސަކަށްވީތީ ފަޚުރުވެރިވާކަމަށް ވިދާޅުވެ ދިވެހިންނާ މުޚާތަބުކުރައްވާއިރު ދިވެހި ބަހަށް އިސްކަންދިނުން ރަނގަޅުވާނެ ކަމަށް މިޓްވީޓްތަކަށް ކޮމެންޓްކޮށްފައިވާ މީހުން ބުނެއެވެ. އެހެންމީހަކު ބުނެފައިވަނީ އިނގިރޭސިވިޔަސް މި ދެން ތަންކޮޅެއް ބޮޑުވަރު ކަމަށާއި ޓްވީޓްތައް ކިޔާ ކޮންމެ ފަހަރަކު ޑިކްޝަނަރީ ހުޅުވަން ޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ ޓްވީޓްތައް އެ ކުރައްވަނީ ވެރިކަން ގެއްލުމުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޓްވީޓްކުރެއްވިފަދަ މޭރުމަކުން “ފްލޮރިޑް ލޭންގުއޭޖް” ބޭނުންފުޅުކުރައްވައިގެން ކަމަށެވެ.

މިކަމަށް ޖޯކުޖަހައި އެއްބަޔަކުވަނީ މަޝްހޫރު ޓީވީ ސީރީސް "ފްރެންޑްސް"ގެ މަންޒަރެއް ބޭނުންކޮށްގެން މީމް އެއްވެސް ހަދާފައެވެ. އޭގައި ފެންނަނީ ފްރެންޑްގެ އެއް ތަރި ޖޯއީ މޮޅު އިނގިރޭސި ބަސްތައް ބޭނުންކޮށްގެން އެއްޗެއް ލިޔަން އުޅެނިކޮށް ރޮސް އޭނައަށް އެކަމުގައި އެހީތެރިވާ މަންޒަރެވެ. އޭގައި ރޮސް، ޖޯއީއަށް ބުނެދެނީ އާދައިގެ އިނގިރޭސި ބަހެއްގެ ބަދަލުގައި މޮޅު ބަހެއް ބޭނުން ކުރާ ގޮތެވެ. ބައެއް މީހުން ބުނަނީ މިއީ ރައީސް ޔާމީން ޓްވީޓް ކުރައްވާއިރު ގެންގުޅުއްވާ އުސޫލު ކަމަށެވެ.

މީހުންގެ ތާއީދު ހޯއްދަވަން ބޭނުންފުޅުވެ ކުރައްވާ ޓްވީޓްތައް އެ މީހުންނަށްވެސް ފަހުމުވާފަދަ ގޮތަކަށް އިބާރާތްކުރެއްވިޔަސް މަނިކުފާނުގެ ހައިބަތަށް ބަދަލެއް ނާންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
57%
14%
14%
0%
0%
14%
ކޮމެންޓް