އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއަށް ބާކީ އޮތް ތިން މެޗުން ޕޮއިންޓް ގެއްލުވާލާތަން ނުފެންކަމަށް ވާދަވެރި ލިވަޕޫލްގެ ކޯޗު ކްޕޮލް ބުނެފިއެވެ. ކްލޮޕް މިހެން ބުނެފައި މިވަނީ ލީގުގައި ޓޮޓެންހަމް އަތުން މޮޅުނުވެވި އެއްވަރުވި މެޗަށް ފަހުއެވެ. މިހާރު އޮތްގޮތުން ލިވަޕޫލަށް ލީގު ލިބެން އޮތީ ކުރިއަށް އޮތް ތިން މެޗުގެ ތެރެއިން މެޗަކުން ސިޓީ ބަލިވެގެންނެވެ.
އާދިއްތަ ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްގެން ސިޓީއަށް އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނެގޭނެއެވެ. މިވަގުތު ލިވަޕޫލާއި ސިޓީއާ ދެމެދު ޕޮއިންޓެއްގެ ފަރަޤެއް އޮތީ ލިވަޕޫލް އިތުރަށް މެޗެއް ކުޅެގެންނެވެ. ލިވަޕޫލަށް ބާކީ އޮތީ ދެ މެޗެވެ. ސިޓީއަށް ތިން މެޗު އެބައޮތެވެ. ކްލޮޕް ބުނީ ސިޓީން ޕޮއިންޓް ގެއްލުވާލާނެކަމަށް ވިސްނޭނެ ނަމަ ރަނގަޅުކަމަށާއި, އެކަމަކު އެގޮތަށް ނުވިސްނޭކަމަށެވެ. އަދި އެމަންޒަރު ނުފެންނަކަމަށެވެ.
ގަދަ ހަތަރެއްގެ ޖާގައަކަށް ވާދަކުރަމުން އަންނަ ޓޮޓެންހަމްއާ ލިވަޕޫލް ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ޓޮޓެންހަމްއަށް ކުރި ހޯދައިދިނީ ސޮންއެވެ. އެކަމަކު ރަނގަޅު ފޯމެއްގައި ހުރި ލުއިޒް ޑިއާޒް ލަނޑު ޖަހާ ލިވަޕޫލަށް އެއްވަރުކޮށްދިނެވެ. ލިވަޕޫލަށް ސީޒަންގައި ޗެމްޕިއަންސްލީގުގެ ފައިނަލްވެސް އެބައޮތެވެ. ފައިނަލްގައި ވާދަކުރަން ޖެހޭނީ ރެއާލް މެޑްރިޑާއެވެ. ލީގު ހޯދެން އޮތީ ސިޓީ މެޗަކުން ބަލިވެގެންނެވެ.