Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 15:34
ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ތާމީން ފޮނުއްވި ތިން ބޭފުޅުން
ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ތާމީން ފޮނުއްވި ތިން ބޭފުޅުން
ފޭސްބުކް
އެލްޖީއޭ
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ކޮމެޓީން ރުހުން ދީފި
މި ތިން މެމްބަރުންގެ އިތުރުން އެމްޖީއޭ ބޯޑުގައި ދެން ހިމެނެނީ މިނިސްޓަރަކާއި އެލްޖީއޭގެ ސީއީއޯ
އެލްޖީއޭގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ
އެލްޖީއޭގެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ތާމީން ފޮނުއްވި ތިން ނަމަށް އެ މައްސަލަ ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ރުހުން ދީފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު އަލުން އެކުލަވާލާ އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ތިން ބޭފުޅުންނަށް ކޮމެޓީން ރުހުން ދިނީ 90 ޕަސެންޓަށް ވުރެ މަތިން މާކްސް ދިނުމަށް ފަހު އެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަޖިލީހަށް ފޮނުވާފައިވާ ތިން ބޭފުޅުންނަކީ، އެލްޖީއޭ ބޯޑުގައި ހިމެނޭ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރެއްގެ ގޮތުން، މިންނާ ރަޝީދު، ހަތިކޮޅު، ފ. ނިލަންދޫ އާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރެއްގެ ގޮތުން، އަހުމަދު ހަސަން، ސ. ހިތަދޫ ފަރުދާބަގީޗާގެ، އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ ގޮތުން، އާމިރު އަލީ، ހެޕީކޯނަރ، ގއ. ކަނޑުހުޅުދޫއެވެ.

  • އާމިރު އަލީ، ގއ. ކަނޑުހުޅުދޫ، ހެޕީކޯނަރ: 94.2 ޕަސެންޓް މާކްސް - އާމިރަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް.
  • އަހުމަދު ހަސަން، ސ. ހިތަދޫ، ފަރުދާބަގީޗާގެ: 92.4 ޕަސެންޓް މާކްސް - އަހުމަދު ހަސަނަކީ މަދަނީ ޖަމިއްޔާއެއް މެމްބަރެއް.
  • މިންނާ ރަޝީދު، ފ. ނިލަދޫ، ހަތިކޮޅު: 92.0 ޕަސެންޓް މާކްސް - މިންނާއަކީ ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަނބަލެއް.

އެ ތިން މެމްބަރުންގެ އިތުރުން އެލްޖީއޭ ބޯޑުގައި ދެން ހިމެނޭ ދެ މެމްބަރުންނަކީ އެލްޖީއޭ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މިނިސްޓަރަކާއި އެލްޖީއޭއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. 

މީގެ ކުރިން އެލްޖީއޭ ބޯޑުގައި ނުވަ މެމްބަރުން ތިއްބަވައެވެ. އެލްޖީއޭގެ ބޯޑަށް މި ބަދަލުތައް ގެނެސްފައި މި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް، އެބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމަ އެވެ.

މީގެ އިތުރުން ވެސް އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާ އިރު، އެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ކުރިން އެކްޖީއޭ ބޯޑު އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާވަޒީރާއި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާ، މާލެ ސިޓީ ކައުންސިލުން މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް