އިނގިރޭސި ފުޓުބޯޅަ ކުލަބް ޗެލްސީ ގަތުމަށް ކޮށްފައިވާ ބިޑެއް, ޕްރިމިއަރ ލީގާއި ޔޫކޭ ސަރުކާރުގެ އެޕްރޫވް ހޯދުމަށް ފޮނުވައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ދާދި ފަހުން ވަނީ ބިލިއަނަރު ސަރ ޖިމް ރެޓްކްލިފް ޗެލްސީ ގަތުމަށް ކުރި ބިޑެއް ރިޖެކްޓުކޮށްފައެވެ. ޗެލްސީ ގަތުމަށްޓަކައި އޭނާ ކޮށްފައިވަނީ 4.25 ބިލިއަން ޔޫރޯގެ ބިޑެއް ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އޭގެފަހުން މި ފަހަރު ޗެލްސީ ގަތުމަށްޓަަކައި ބިޑުކޮށްފައިވަނީ ޓޮޑް ބޮހްލީ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ. އޭނާ ހުށަހެޅި ބިޑު އެޕްރޫވްއަށް ފޮނުވިކަމަށް ރިޕޯޓުގައި ވާއިރު، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޗެލްސީ ގަތުމަށްޓަކައި ބިޑު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދާދި ފަހުން އެ ކުލަބުގެ އޯނަރު ރޯމަން އަބްރަމޮވިޗް އެ ކުލަބް ދޫކޮށްލުމުންނެވެ. އޭނާ އެ ކުލަބު ދޫކޮށްލަން ނިންމާފައިވަނީ ރަޝިޔާއިން ޔުކްރެއިންއަށް ހަމަލާތަކެއް ދެމުން ދިޔަ ދަނޑިވަޅެއްގައި، އޭނާއާ ރަޝިޔާގެ ރައީސް ޕުޓިންއާ ސިއްރު ގުޅުން ތަކެއް އޮންނަކަން ހާމަވެ, އެތައް ބައެއްގެ ފާޑުކިޔުމާއި ފިއްތުންތައް ކުރިމަތިވި ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުން ވަނީ އޭނާ އެ ގައުމުގައި ދިރިއުޅުން މަނާކޮށްފައެވެ.
އޭނާ ޗެލްސީގެ ބެލެނިވެރިކަން އެ ކުލަބުގެ ޗެރިޓަބަލް ފައުންޑޭޝަނާ ހަވާކުކުރިފަހުން ޗެލްސީ ހިންގަމުން އަންނަނީ ޔޫކޭ ސަރުކާރުން ދީފައިވަނީ ޚާއްސަ ލައިސަންސެއްގެ ދަށުންނެވެ. އެ ލައިސަންސްގެ މުއްދަތު މި ހިނގާ މެއި މަހުގެ 31ށް ހަމަވާނެއެވެ. އަދި މި މުއްދަތުގައި ޗެލްސީގެ ބެލެނިވެެރިކަމާ އެއްވެސް ފަރާތަކުން ހަވާލުނުވެެއްޖެނަމަ، އެ ކުލަބް ޕްރިމިއަރ ލީގުން ބޭރުވުމުގެ ބިރު ވަރަށް ބޮޑެވެ.