ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފް ޖަލު ހުކުމް ފުރިހަމަކޮށް މިއަދު މިނިވަންކޮށްފިއެވެ.
މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މަހުލޫފް މިނިވަންވީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.
މަހުލޫފު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގެއަށް އާދެވުނީތީ ވަރަށް އުފާވާ ކަމަށާއި އޭނާއަށް ކުރަމުންދާ ތާއީދަށް ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިރޭ ހުރިހާ ފަރާތްތަކާއި ބައްދަލުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
Alhamdhulillahi. So happy to be back home. Thank you all for the tremendous love and support. See you all tonight pic.twitter.com/PtYW8fW7O3
— Ahmed Mahloof (@AhmedMahloof) June 9, 2017
މަހްލޫފް ރާއްޖެ އެމްވީއަށް ވިދާޅުވީ، ޖަލުގައި އޭނާ އޮންނަވަނިކޮށް މިއަދު ހެނދުނު 7:00 ހާއިރު އޭނާ އަށް ގޮވައި، މިނިވަންކުރާ ވާހަކަ ބުނި ކަމަށާއި މިނިވަންކުރާ ވާހަކަ އާއިލާ އަށް ވެސް ނާންގާ ކަމަށެވެ.
"އެއީ ވެސް އުސޫލާ ހިލާފު ކަމެއް. މިނިވަންކުރާއިރު، އާއިލާ އަށް އަންގަންޖެހޭނެ. ނަމަވެސް އަޅުގަނޑު މާލެ ގެނެސް ވެހިކަލަށް ލައިގެން ގެނެސް ގެއަށް ގެނައީ،" މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފް މިނިވަންވުމާއެކު ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޔޫއޯގެ ސްޕޯކްސް ޕާސަން އަހުމަދު މަހްލޫފް މިނިވަން ވުމާ ގުޅިގެން ބާއްވާ ވަރަށް ޚާއްޞަ ޖަލްސާއަކާއި ތަރާވީހަކަށް ދައުވަތު އަރުވާ ކަމަށެވެ. މި ޖަލްސާ ބާއްވާނީ މިމަހުގެ 9 ވާ ހުކުރު ދުވަހުގެ ރޭ 9:45 ގައި އެމްޑީޕީ ހަރުގޭގައެވެ.
މަހްލޫފަށް ކޮށްފައިވާ ހުކުމްގެ މުއްދަތު މިއަދަށް ހަމަވެ މިނިވަންވެފައިވާއިރު މަޚްލޫފް ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް އދ. ގެ ވާރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ދިވެހި ސަރުކާރަށްވެސް ވަނީ ގޮވާލާފައެވެ.
މަޚްލޫފު ޖަލަށްލި މައްސަލަ އދ. ގެ ވާރކިންގ ގްރޫޕަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.މަޚްލޫފު ދޫކޮށްލުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަޚްލޫފަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް އދ. ވާރކިންގ ގްރޫޕުން ވަނީ ގޮވާލާފައެވެ.
ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ މަޚްލޫފްގެ މައްޗަށް ސާބިތުކޮށް އޭނާގެ މައްޗަށް ފުރަތަމަ އިއްވީ 6 މަސްދުވަހުގެ ޖަލުކުކުމެކެވެ .މަޚްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފައެވެ.
އަދި މި މައްސަލަ މަޚްލޫފްގެ ފަރާތުން އިސްތިއުނާފަށް ހުށައެޅުމުން މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފަށާފައިވަނީ 6 މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒްކޮށް ނިމުނުތާ 4 މަސް ވީފަހުންނެވެ. މަޚްލޫފް މިހާރު ތަންފީޒްކޮށް ނިންމާލި ހުކުމަކީ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.