Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 10:01
ބަސްމަލާ ބޯޓުން ގެނައި ބައެއް މުދާތަން ދަނބިދޫ ބަނދަރު މަތީގައި
ބަސްމަލާ ބޯޓުން ގެނައި ބައެއް މުދާތަން ދަނބިދޫ ބަނދަރު މަތީގައި
ރާއްޖެ އެމްވީ
ފަރަށް އެރުން
ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް
ބަސްމަލާ ބޯޓަކީ ލ. އަތޮޅުގެ ހުރިހާ ރަށަކަށް މުދާ ގެންނަ ބޯޓެއް
ބޯޓު އަރިވެގެން ނުދާނެހެން މިހާރު ވަނީ ފީފާ ޖައްސާފައި
ފިހާރަތަކުގެ މުދާ ހުރުމުން، ތެމުނު މުދާތަކެއް ބޭނުމެއް ނުކުރެވޭނެ

ލ. ދަނބިދޫ ފަޅަށް އެރަށު "ބަސްމަލާ" ބޯޓް އަރައި ދޯނީގައި ހުރި ހުރިހާ މުދާތަކެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމުން ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާގެ ގެއްލުން އެ ބޯޓުގެ ވެރިފަރާތަށް ލިބިފައިވާ ކަމަށް ދަނބިދޫ ކައުންސިލުން ބުނެފިއެވެ. 

 

ދަނބިދޫ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ބަސްމަލާ ބޯޓް ފަރަށް އަރާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ވަގުތެއްގައެވެ. ބަސްމަލާ ބޯޓަކީ ލ. އަތޮޅުގެ ހުރިހާ ރަށެއްގެ ފިހާރަތަކަށް މާލެ އިން މުދާ އުފުލާ ބޯޓަކެވެ.

 

އެބޯޓް ފަރަށް އެރުމުން ލިބުނު ގެއްލުމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ދަނބިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި "ބަސްމަލާ" ބޯޓް ފަރަށް އަރިއިރު ލ. އަތޮޅުގެ ގިނަ ރަށްތަކެއްގެ ފިހާރަތަކުގެ މުދާ ހުރި ކަމަށެވެ. ރަމަޟާން މަހަށް މާލެއިން ލ. އަތޮޅަށް މުދާ ހިފާއިގެން ދިޔަ މި ބޯޓްގައި ހުރި ހުރިހާ މުދާތަކެއް ކަހަލަ ގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން ބޯޓްގެ ވެރި ފަރާތަށް، ގާތްގަނޑަކަށް ތިން މިލިއަނާއި ގާތްކުރާ އަދަދެއްގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށާއި އަދި ރަށުގެ ވިޔަފާރިވެރިންނަށް ވެސް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ. 

ދަނބިދޫ އަށް ވަންނަން އުޅެނިކޮށް ފަރަށް އެރި ބަސްމަލާ ބޯޓް އަޑިއަށް ދަނީ

ޝަރީފް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ މީހުންގެ އެހީތެރިކަމާ އެކު ބޯޓް ފުންކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރޭ ވެސް ކޮށްފައިވާ ކަމަށެވެ. ދޯނި އިތުރަށް އަރިވެގެން ނުދާނެ ގޮތަށް ފީފާ ޖައްސާ ބޯޓްގެ ވަދު ތެރޭގައި ހުރި މުދާތައް ނޫން އެހެން މުދާތަށް ދަނބިދޫއަށް އަރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ޝަރީފް ވިދާޅުވި ގޮތުގައި ދޯނީގައި ހުރީ ލ. ގަމު ތިން އަވަށުގެ ބައެއް ފިހާރަތަކުގެ މުދަލާއި، އިސްދޫ ކަލައިދޫގެ ބައެއް ފިހާރާތަކުގެ މުދާގެ އިތުރުން ދަނބިދޫ މައިބައިދޫގެ ބައެއް ފިހާރަތަކުގެ މުދަލެވެ. މިފަދަ ހާދިސާއެއް ދިމާވުމުން ތެމިފައިވާ މުދާތައް އަލުން ވިޔަފާރި ކުރުމަށް ފިހާރަތަކުން ބޭނުން ނުކުރާނެ ކަމަށް ފާހަގަކުރަމުން ޝަރީފް ވިދާޅުވީ ލިބުނު ގެއްލުމުގެ ތަފްސީލް އިނގޭނީ ހުރިހާ މުދާތަކެއް ހުސްކޮށް، ރަނގަޅު ހިސާބެއް ހެދުމަށް ފަހުގައި ކަމަށެވެ.

 

"ބަސްމަލާ" ބޯޓު ފަރަށް އެރީ ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ އެއްފަރާތަށް ކަމަށާއި ބޯޓު ފަރަށް އެރުމުން ފުންކުރުމަށް ފަހަށް ޖެހިވަގުތު ނެގި ރާޅަކާއެކު ބޯޓުގެ ބޮޑުބައި އަޑިއަށް ދިޔަކަމަށް އެ ބޯޓްގެ ފަޅުވެރިން ބުނެފައި ވެއެވެ. އެހެންނަމަވެސް މި ހަދިސާގައި ބޯޓުގައި ތިބި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަން ފާހަގަކޮށްލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް