ކ. މާލެ
|
5 މެއި 2022 | ބުރާސްފަތި 09:25
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގު
އެންމެ ރަނގަޅަށް ނުކުޅެވުނީ ޕްރެޝާ ބޮޑުވީމަ: ގާޑިއޯލާ
ދެވަނަ ހާފުގައި ސިޓީން ލަނޑު ޖެހުމާއެކު ޓީމު ރަނގަޅު ޕޭސްއެއްގައި ކުޅެމުން ދިޔަ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޓީމުގެ އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑްގެ މައްޗަށް ސިޓީ ކުރިހޯދީ 4-3 ންނެވެ. ނަމަވެސް ސެމީގެ ދެވަނަ މެޗުގައި ރެއާލް ވަނީ 3-1 ން ސިޓީ ބަލިކޮށްފައެވެ. ސިޓީ މުބާރާތުން ކެޓީ ދެމެޗުގެ އެގްރިގޭޓުން 6-5 ރެއާލް ކުރި ހޯދުމުންނެވެ.

މި މެޗަށްފަހު ގާޑިއޯލާ ބުނީ މުބާރާތުގެ ފައިނަލާއި އެހާ ގާތަށް ދެވުމަށްފަހު މުބާރާތުން ކެޓުމުން ދެރަވާ ކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާކަން ގާޑިއޯލާ ފާހަގަކުރިއެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ނަމަވެސް ދެވަނަ ހާފުގައި ސިޓީން ލަނޑު ޖެހުމާއެކު ޓީމު ރަނގަޅު ޕޭސްއެއްގައި ކުޅެމުން ދިޔަކަމަށާއި، އޭރު ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއްގެ ގޮތުގައި ގާޑިއޯލާ ފާހަގަކުރިއެވެ. ނަމަވެސް މެޗުގެ ފަހު 10 މިނެޓުގައި ރެއާލްއިން ގިނަ އެޓޭކުތަކެއް އުފެއްދުމުގެ ސަބަބުން ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓުނުކަމަށް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ ބުނީ މެޗުން ބަލިވާން ޖެހުނު މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

މި މެޗުން ލިބުނު ނާކާމިޔާބީއާއެކު ސިޓީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކުރަމުން އައި މަސައްކަތް ނާކާމިޔާބުވީއެވެ. ނަމަވެސް މި ސީޒަންގައި އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ. ޕްރިމިއަރ ލީގު ތާވަލުގެ އެއް ވަނާގައި ސިޓީ އޮތީ 34 މެޗު ކުޅެގެން ލިބުނު 83 ޕޮއިންޓާއެކުއެވެ. އެއަދަދަށް މެޗު ކުޅެގެން 82 ޕޮއިންޓާއެކު ލީގު ހޯދުމަށް ދެން ވާދަކުރަނީ ލިވަޕޫލްއެވެ.

- ކޮމެންޓް