ބޭނުންވަނީ އަމިއްލަ ގިނަ ލަނޑުތަކެއް ޖަހަން ނޫން ކަމަށާއި، ޓީމަށް ގިނަ ޓްރޮފީތަކެއް ހޯދައިދިނުން ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.
ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑް އަތުން މޮޅުވި މެޗަށްފަހު ބްރޫނޯ ބުނީ އޭނާގެ އަމިއްލަ ސްޓެޓިސްޓިކްތައް މަތިކުރުމަށްވުރެ ބޮޑަށް އޭނާ އިސްކަންދެނީ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީ ޓްރޮފީތަކެއް ޓީމަށް ހޯދައިދިނުމަށް ކަމަށެވެ. ބްރެންޓްފޯޑާއި ޔުނައިޓެޑް ބައްދަލުކުރި މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ބްރެންޓްފޯޑުގެ ގޯލު ހުޅުވައިދިނީ ބްރޫނޯއެވެ.
ބްރޫނޯ ބުނީ އޭނާއަށް ޖެހިފައިވާ ލަނޑުތަކުގެ އަދަދާއިމެދު ހިތްހަމަޖެހޭ ކަމަށެވެ. ބްރޫނޯ ވަނީ މި ސީޒަންގެ ޕްރިމިއަރ ލީގުގައި 10 ލަނޑު ޖަހާފައެވެ.
މި ސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބު ނުކުރެވޭނެކަން ކަށަވަރުވި ހިސާބުން ޔުނައިޓެޑުން މަސައްކަތް ކުރަމުން އައީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރު ކުރުމަށެވެ. ނަމަވެސް މިހާރު ލީގު ތާވަލު އޮތްގޮތުން ޔުނައިޓެޑަށް އެކަންވެސް ކާމިޔާބު ކުރެވޭކަށް ނެތެވެ. މިއީ ޔުނައިޓެޑުން ޓްރޮފީއަކާއި ނުލާ ނިންމާލާ ފަސްވަނަ ސީޒަންއެވެ.
ލީގު ތާވަލުގެ ހަވަނައިގައި ޔުނައިޓެޑް އޮތީ 36 މެޗު ކުޅެގެން 58 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ހަތަރުވަނަ އަދި ފަސްވަނާގައި އޮތް އާސެނަލް އާއި ޓޮޓެންހަމްއިން ކުޅެފައި ވަނީ ޔުނައިޓެޑަށްވުރެ ދެމެޗު މަދުންނެވެ. އާސެނަލް ހަތަރު ވަނައިގައި އޮތީ 63 ޕޮއިންޓާއެކުއެވެ. ޓޮޓެންހަމްއަށް ފަސްވަނަ ލިބެނީ 61 ޕޮއިންޓު ހޯދައިގެންނެވެ.