ކ. މާލެ
|
3 މެއި 2022 | އަންގާރަ 20:14
މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯ ޔުނައިޓެޑްގައި މަޑުކުރާނެކަމުގެ އިޝާރާތެއް!
ރޮނާލްޑޯ ވަނީ އޭނާގެ މެއަށް އިނގިލި ދިއްކޮށްލުމަށްފަހު ދަނޑަށް އިނގިލި ދިއްކޮށްލާފައި
އުފާ ފާޅުކުރުމުގެ ތެރޭގައި "އައިމް ނޮޓް ފިނިޝްޑް" ކަމަށް ބުނި
ރޮނާލްޑޯ ޓީމުގައި މަޑުކުރަންޖެހޭ ކަމަށް ޔުނައިޓެޑަށް ކުރިން ކުޅުނު ރޮއީ ކީންވެސް ވަނީ ބުނެފައި

މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމުގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ޔުނައިޓެޑުން މި ސީޒަންގައި ދެއްކި ކުޅުމާއި، ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނުމުން ރޮނާލްޑޯ ކުރިމަގުގައި ޔުނައިޓެޑްގައި މަޑުކުރާނެކަމާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަނެއްކޮޅުން މިއަންނަ ސީޒަންގައި ޔުނައިޓެޑާ ހަވާލުވާ އެރިކް ޓެން ހާގްގެ ޕްލޭންގައި ރޮނާލްޑޯ ނުހިމެނޭ ކަމަށްވެސް ވަނީ އަޑުތައް ފެތުރިފައެވެ. މިއީވެސް ރޮނާލްޑޯގެ ކުރިމަގާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ އެއް ސަބަބެވެ.

ނަމަވެސް ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެރޭ ބްރެންޓްފޯޑާއި ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ވަނީ ޓީމު ދޫކޮށްލަން ބޭނުން ނުވާކަމުގެ އިޝާރާތެއް ކޮށްފައެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ންނެވެ. މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރިއިރު ރޮނާލްޑޯ ވަނީ އޭނާގެ މެއަށް އިނގިލި ދިއްކޮށްލުމަށްފަހު ދަނޑަށް އިނގިލި ދިއްކޮށްލާފައެވެ. މެޗު ކުޅުނީ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ އުފާ ފާޅުކުރުމުގެ ތެރޭގައި "އައިމް ނޮޓް ފިނިޝްޑް" ކަމަށް ބުނެފައެވެ.

މިސީޒަންގައި 24 ލަނޑު ޖަހާފައިވާ ރޮނާލްޑޯ ޓީމުގައި މަޑުކުރަންޖެހޭ ކަމަށް ޔުނައިޓެޑަށް ކުރިން ކުޅުނު ރޮއީ ކީންވެސް ވަނީ ބުނެފައެވެ. ކީން ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ރޮނާލްޑޯ ޔުނައިޓެޑްގައި މަޑުކުރަންޖެހޭ ކަމަށާއި، ބްރެންޓްފޯޑް މެޗުގައި އޭނާގެ އިޝާރާތްތަކުން އެކަމަށް ބާރު ލިބޭކަމަށެވެ. ނަމަވެސް ރޮނާލްޑޯގެ އުމުރުން 37 އަހަރުވެފައިވާކަން ފާހަގަކޮށް ކީން ބުނީ ރޮނާލްޑޯއާއެކު ޓީމުގައި ކުޅޭނެ ރަނގަޅު ކުޅުންތެރިންތަކެއްވެސް ހޯދަން ޖެހޭކަމަށެވެ.

- ކޮމެންޓް