ކޮވިޑް-19ގެ ހިޔަނި ފާއިތުވި ދެ އަހަރު މުސްލިމުން އެންމެ ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ އީދަށް ވެސް ވަނީ އެޅިފައެވެ. ކޮވިޑާއެކު އެއްތާކަށް ގިނަ ބަޔަކަށް އެއްވެ އުޅުމުގެ ފުރުސަތު ލިބިފައިނުވާތީ މިދިޔަ ދެ އަހަރުގެ އީދު އިސްލާމީ ގިނަ ގައުމުތަކުގައި ފާހަގަކޮށްފައިވަނީ ކުލަމަޑުކޮށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އީދު ފާހަގަކުރަން ޖެހުމުން އީދުގެ އަސްލު އުފާވެރިކަން ހާސިލުކުރެވިފައެއްނުވެއެވެ. ނަމަވެސް ކޮވިޑްގެ ހާލަތު މިހާރު ގިނަ ގައުމުތަކުގައި ރަނގަޅުވެފައިވާތީ ކުލަ ގަދަކޮށް އީދު ފާހަގަކުރުމުގެ ފުރުސަތު ގިނަ ގައުމުތަކުގައި މިއަހަރު ވަނީ ލިބިގެންގޮސްފައެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށް ނަމާދަށްފަހު ސައި ބޮއި އެންމެން އެއްތާކަށް އެއްވެ އީދު ސަލާންކޮށް އުފާފާޅުކުރުމުގެ ފުރުސަތު ލިބިގެންގޮސްފައިވެއެވެ.
އެގޮތުން މިސްރަށް ބަލާއިރު މިސްރުގެ ކައިރޯގައި ހުރި ގަދީމީ މިސްކިތެއްކަމުގައިވާ އަމްރް އިބްން އަލް އާސް މިސްކިތް ކައިރީގައި އެތައް ސަތޭކަ ބަޔަކު މާކުރިއްސުރެ ކިޔު ދަމާލީ އީދު ނަމާދަށް މިސްކިތަށް ވަނުމަށެވެ. ފާއިތުވި ދެ އަހަރާ ޚިލާފަށް މިއަހަރު އެތައް ހާސް ބަޔަކު އެމިސްކިތަށް އީދު ނަމާދަށް ގޮސްފައިވެއެވެ. އީދު އައުމުގެ ދުވަސްކޮޅެއް ކުރިން ކައިރޯގެ ފިހާރަތައް ބިޒީވެފައިވަނީ އީދު ދުވަހަށް ޚާއްސަ ކުކީސް އެއް ތައްޔާރުކުރުމުގައެވެ. މިކުކީސްއަކީ އީދު ދުވަހުގެ ހެނދުނު އީދު ނަމާދަށްފަހު އެތައް ބަޔަކު އެއް ބަޔަކު އަނެއްބަޔަކަށް އީދު ހަދިޔާއެއްގެ ގޮތުގައި މިސްރުގައި ދީއުޅޭ ކުކީސްއެވެ. މިއީ މިސްރުގައި އީދުގައި ވަރަށް މަޝްހޫރު ކުކީސްއެކެވެ.
މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނޭޝިޔާގައިވެސް ވަނީ އީދު ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑޮނޭޝިޔާގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ފާއިތުވި ދެ އަހަރުކޮށްފައެއްނުވެއެވެ. ނަމަވެސް މިއަހަރު ޖަކާޓާގައި އަލަށް ހަދާފައިވާ އިންޓަރނޭޝަނަލް ސްޓޭޑިޔަމް އަށް އެތައް ހާސް ބަޔަކު އީދު ނަމާދު ކުރުމަށް ޖަމާވިއެވެ. ފިތުރު އީދާ ދިމާކޮށް ގައުމުން ބޭރުގައި ދިރިއުޅެމުންދާ އިންޑޮނޭޝިޔާގެ އެތައް ހާސް ބަޔަކުވެސް ވަނީ ގައުމަށް އައިސްފައެވެ. ކޮވިޑްގެ ފިޔަވަޅުތަކަށް ލިބުނު ލުޔާއެކު އީދު ނަމާދުގައި އެތައް ހާސް ބަޔަކު ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަކީ އިންޑޮނޭޝިޔާގެ ގިނަ ރައްޔިތުން އުފަލާއެކު ފާހަގަކުރި ކަމެކެވެ.
މީގެއިތުރުން ފަލަސްތީނާއި ޕާކިސްތާނާއި ސައުދީ އަރަބިއްޔާ، ސޫދާން، ސީރިޔާ ފަދަ ގައުމުތަކުގައިވެސް ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށް ކުލަ ގަދަކޮށް އީދު ފާހަގަކޮށްފައެވެ.