އިޓާލިއަން ލީގުގައި އުދިނޭޒް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ލީގުގެ އެއްވަނައާއި ގާތަށް ޖެހިލައިފިއެވެ.
އުދިނޭޒްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އިންޓައިން ކާމިޔާބުކުރީ 2-1 ންނެވެ. ތާވަލުގެ އެއްވަނާގައި އޮތް އޭސީ މިލާނުން ވަނީ އާދީއްތަ ދުވަހުގެރޭ ފިއޮރެންޓީނާގެ މައްޗަށް 1-0 ން ކުރިހޯދައި ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މިލާނުން މަސައްކަތް ކުރަމުން އަންނަނީ 2011 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރާށެވެ. އިންޓައިން މޮޅުވީ އޭގެ ފަހުން އުދިނޭޒް އާއި ވާދަކޮށްގެންނެވެ. މި މޮޅާއެކު އިންޓަ ވަނީ ދެޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ.
ލީގު ތާވަލުގެ އެއްވަނާގައި މިލާން އޮތީ 77 ޕޮއިންޓު ހޯދައިގެންނެވެ. އިންޓަ ދެވަނާގައި އޮތީ 75 ޕޮއިންޓާއެކުއެވެ. އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކަށްފަހު ލީގުގެ ގަދަ ހަތަރު ޓީމު މިހާރު ވަނީ ޔަގީންވެފައެވެ. ތިންވަނާގައި 70 ޕޮއިންޓާއެކު ނަޕޯލީ އޮތްއިރު، ހަތަރު ވަނާގައި ޔުވެންޓަސް އޮތީ 69 ޕޮއިންޓު ހޯދައިގެންނެވެ. އެހެންކަމުން މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް މިޓީމުތަކަށް ވަނީ ކަށަވަރުވެފައެވެ.
އުދިނޭޒް އާއި ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އިންޓައަށް ލީޑު ނަގައިދިނީ އިވާން ޕެރިސިޗްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލައުޓާރޯ މާޓިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ އިންޓައަށް ލީޑު ފުޅާ ކޮށްދީފައެވެ. އުދިނޭޒްގެ ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕުސޭޓޯއެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެމްޕޮލީ އަތުން ޓޮރީނޯ މޮޅުވީ 3-1 ންނެވެ. ރޮމާ އާއި ބޮލޮގްނާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.