ކ. މާލެ
|
2 މެއި 2022 | ހޯމަ 08:17
ބާސެލޯނާ ކުޅުންތެރިން، މަޔޯކާ އާއި ބައްދަލުކުރި މެޗަށްފަހު
ބާސެލޯނާ ކުޅުންތެރިން، މަޔޯކާ އާއި ބައްދަލުކުރި މެޗަށްފަހު
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
މަޔޯކާ ބަލިކޮށް ބާސެލޯނާ އަނެއްކާވެސް ދެވަނައަށް
ބާސެލޯނާއިން މެޗު ކާމިޔާބުކުރީ 2-1 ން
ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލި ނަމަވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތެއް ނެތް

ސްޕެނިޝް ލީގުގައި މަޔޯކާ ބަލިކޮށް ބާސެލޯނާއިން އަނެއްކާވެސް ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ންނެވެ. މި މެޗަށް ނިކުތް އިރު ތާވަލުގެ ދެވަނާގައި ސެވިއްޔާ އޮތީ 64 ޕޮއިންޓު ހޯދައިގެންނެވެ. އޭރު ބާސެލޯނާ ތިންވަނާގައި އޮތީ ސެވިއްޔާއަށް ވުރެ ޕޮއިންޓެއް މަދުން ލިބިގެންނެވެ. މެޗުން ބަލިވި މަޔޯކާ ތާވަލުގެ 16 ވަނާގައި އޮތީ 32 ޕޮއިންޓާއެކުއެވެ.

ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލި ނަމަވެސް މި ސީޒަންގެ ލީޑު، ވާދަވެރި ރެއާލް މެޑްރިޑުން ވަނީ ހޮނިހިރު ދުވަހުގެރޭ ކާމިޔާބުކޮށްފައެވެ.

މަޔޯކާ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބާސެލޯނާއިންނެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ޓީމަށް ލީޑު ނަގައިދިނީ މެމްފިސް ޑިޕާއީއެވެ. އޭގެ ފަހުން ދެވަނަ ހާފުގައި ސާޖިއޯ ބުސްކަޓްސް ލަނޑެއްޖަހާ ބާސެލޯނާއަށް ލީޑު ފުޅާ ކޮށްދިނެވެ. ނަމަވެސް މަޔޯކާއިން ވަނީ މެޗު ނިމެން 10 މިނެޓަށްވެފައި ވަނިކޮށް ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މަޔޯކާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ހޯސޭ ރައިލޯއެވެ.

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގްރާނާޑާ އާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ނިމުނީ 1-1 ންނެވެ. ރަޔޯ ވައެކާނޯ އާއި ރެއާލް ސޮސެއިޑާޑް ބައްދަލުކުރި މެޗުވެސް ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރުވެގެންނެވެ.

- ކޮމެންޓް