މިދިޔަ އަހަރު ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔަ އުސޫލު އިސްލާމިކް މިނިސްޓްރީން ބަދަލުކުރުމާއި ގުޅިގެން މިއަހަރު ގދ. ތިނަދޫ ރައްޔިތުން ތިބީ ފިތުރު ޒަކާތް ދެއްކޭނެ ގޮތެއް ނެތިފައި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ އެހެން އަހަރުތަކުގައި ފިތުރު ޒަކާތް ބަލައިގަތުގެ ކަންކަން ކުރިއަށް ގެންދިޔައީ އެރަށު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ކަމަށެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކާއި ހަވާލުކޮށްފައިވާ ކަންކަން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމުން ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުގެ ކަންކަން އެރަށުގައި ހަމަޖެހިފައި ނެތް ކަމަށް އައްސަދު ވިދާޅުވިއެވެ.
މީގެ ކުރިން ކައުންސިލް އިދާރާ މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީން ފިތުރުޒަކާތް ބަލައިގަތުގެ ކަންކަން ހަމަޖައްސާފައިވާތީ މިއަދު އެރަށުގެ ރައްޔިތުން ޒަކާތް ދެއްކޭނެ ގޮތެއް ނެތިގެން އެކަމުގެ ޝަކުވާ އެކައުންސިލާއި ހިއްސާކޮށްފައިވާ ކަމަށް އައްސަދު ވިދާޅުވިއެވެ. އަދި ރައްޔިތުންނަން ޒަކާތް ދެއްކޭނެ ގޮތެއް ނެތިފައި ތިބުމުން، ކައުންސިލްގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ރައްޔިތުންގެ ކަންބޮޑުވުން ލިޔެކިޔުމުން ހިއްސާކޮށްފައިވާ ކަމަށް އައްސަދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެހެންނަމަވެސް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ 28 މެއި ވާ އާދިއްތަ ދުވަހުން ފެށިގެން 21 ޖޫން ވާ ބުދަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 ން މެންދުރު 13:00 ށް ފިތުރު ޒަކާތް ބަލައިގަތުން ކޮންމެ ރަށެއްގެ ރަށުކައުންސިލް އިދާރާއިން ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ބައެއް ރަށްރަށުގެ ކައުންސިލް އިދާރާއިން ފިތުރު ޒަކާތް ބަލާއިގަތުމުގެ ކަންކަން ހަމަޖެހިފައި ނެތްކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އައްޑޫސިޓީގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއުލާންކޮށްފައިވީ ނަމަވެސް އެ އިންތިޒާމު މިއަހަރު އެ އިންތިޒާމް ހަމަޖެހިފައި ނުވާ ކަމަށެވެ.
އުރީދޫ އާއި ދިރާގައި، އެލައިޑް އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްވެސް ޒަކާތް ދެއްކުމުގެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އެއީ މީހަކަށް 80ރ. އެވެ.ރަށްރަށުގެ މީހުން ޒަކާތް ދައްކާނީ، އެރަށަކުން 2.4 ކިލޯގެ ހަނޑޫ ލިބެން ހުންނަ އަގަކުންނެވެ.
މިދިޔަ އަހަރު އެކަނިވެސް މާލެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ. ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.