ކ. މާލެ
|
28 އޭޕްރިލް 2022 | ބުރާސްފަތި 08:01
ބޮލޯނިއާ މޮޅުވި ލަނޑު ޖެހުމަށްފަހު ސަންސޯނޭ: ފޮޓޯ-ބޮލޯނިއާ
ބޮލޯނިއާ މޮޅުވި ލަނޑު ޖެހުމަށްފަހު ސަންސޯނޭ: ފޮޓޯ-ބޮލޯނިއާ
އިޓާލިއަން ލީގު
އިންޓަރ މިލާން ބަލި، އޭސީ މިލާނަށް ލީގު ހޯދުމުގެ ބޮޑު ފުރުޞަތެއް!
މެޗުގެ އަދަދު އެއްވަރުވިއިރު އޭސީ މިލާން އޮތީ ދެ ޕޮއިންޓްގެ ލީޑެއްގައި

އިޓާލިއަން ލީގުގައި ބޮލޯނިއާ އަތުން އިންޓަރ މިލާން ބަލިވުމުން, ލީގު ހޯދުމުގެ ބޮޑު ފުރުޞަތެއް އޭސީމިލާނަށް ފަހިވެއްޖެއެވެ. ބުރާސްފަތި ދުވަހުގެރޭ ބޮލޯނިއާ އަތުން އިންޓަރ މިލާން ބަލިވީ 2-1 ނެވެ.

ބޮލޯނިއާ މެޗު ކާމިޔާބުކުރީ 3 ވަނަ މިނިޓްގައި ޕެރިސިޗް ލަނޑު ޖަހާ އިންޓަރމިލާނަށް ކުރި ހޯދާދީފައިވަނިކޮށެވެ. ހާފް ނިމުމުގެ ކުރިން ބޮލޯނިއާއަށް އެއްވަރުކޮށްދިނީ މާކޯ އާނައޮޓޮވިޗްއެވެ. ބޮލޯނިއާ މެޗު ކާމިޔާބުކުރީ ދެވަނަ ހާފްގައި ސަންސޯނޭ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިނަތީޖާގެ ސަބަބުން އޭސީ މިލާނަށް ވަނީ ތާވަލްގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. 34 މެޗުން އޭސީ މިލާން އޮތީ 74 ޕޮއިންޓްގައެވެ. އިންޓަރ މިލާނަށް އެއަދަދަށް މެޗު ކުޅެގެން ލިބިފައިވަނީ 72 ޕޮއިންޓެވެ.

ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ހަތަރު މެޗެވެ. އެއްވަނާގައި އޮތް އޭސީ މިލާނަށް ބާކީ އޮތީ ފިޔޮރެންޓީނާ, ވެރޯނާ, އެޓަލާންޓާ އަދި ސަސުއޯލޯއާ ވާދަކުރާ މެޗެވެ. އިންޓަރ މިލާނަށް ބާކީ އޮތީ އުދިނޭޒީ, އެމްޕޮލީ, ކަލިއަރީ އަދި ސަމްޑޯރިއާއާ ވާދަކުރާ މެޗެވެ. އިންޓަރ މިލާން ވާދަކުރަން ހުރި ޓީމްތަކީ ތާވަލްގެ ފަހަތުގައި ހުރި ޓީމްތަކެވެ. އެކަމަކު އިންޓަރ މިލާނަށް ދެން ލީގު ހޯދުމުގެ ފުރުޞަތު އޮތީ އޭސީ މިލާނުން ޕޮއިންޓް ގެއްލުވާލައިގެންނެވެ.

- ކޮމެންޓް