ކ. މާލެ
|
28 އޭޕްރިލް 2022 | ބުރާސްފަތި 07:39
އީލޮން މަސްކު
އީލޮން މަސްކު
ގެޓީ އިމޭޖަސް
އީލޮން މަސްކް ޓްވިޓަރ ގަންނަން ކުރާ މަސައްކަތް
އީލޮން މަސްކު ޓްވިޓަރ ނުގަނެދާނެ ފަދަ ވާހަކަތަކެއް
އީލޮން މަސްކުއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވަނީ ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން އެއްބަސްވުން އުވާލަން ބޭނުންނަމަ 1 ބިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމުގައި

44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށް ބިލިއަނަރު, އީލޮން މަސްކް ހުށަހެޅި ބިޑް ޓްވިޓަރ އިން ވަނީ ބަލައިގަނެފައެވެ. ޓްވިޓަރ ކުންފުންޏާއި އީލޮން މަސްކުއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވަނީ ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން އެއްބަސްވުން އުވާލަން ބޭނުންނަމަ 1 ބިލިއަން ޑޮލަރު ދައްކަންޖެހޭނެއެވެ.

ޓްވިޓަރގެ ގާނޫނީ ވަކީލުން ވަނީ އެއްބަސްވުމުގައި "ސްޕެޝަލް ޕަރމޯފެންސް" ނަމުގައި ބައެއް އިތުރުވެސްކޮށްފައެވެ. އެއީ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެހެންނަމަވެސް އެއްބަސްވުން އުވާލަން ބޭނުންވާނަމަ 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ ގޮތަށް އޮތުމަކީ އެއްބަސްވުން އުވާލުމަށް އީލޮން މަސްކު އަށް ލިބޭ ބާރެކެވެ.

އީލޮން މަސްކު ޓްވިޓަރ ގަތުން މަޑުޖައްސާލަފާނެ އެއް ސަބަބެއްކަމަށް މާހިރުން ބުނަނީ އޭނާގެ ޓެސްލާ ކުންފުންޏެވެ. އީލޮން މަސްކު ޓްވިޓަރ ގަންނަ ވާހަކައަކާއެކު އިލެކްޓްރިކް ވެހިކަލް އުފައްދާ ޓެސްލާ ކުންފުނީގެ ހިއްސާވަނީ ފަސް ވަނަ ފަހަރަށް ދަށަށްގޮސްފައެވެ. އެއީ އީލޮން މަސްކުގެ އައު ކުންފުނިކަމުގައިވާ ޓްވިޓަރ ހިންގުމަށް ޓެސްލާ ކުންފުނީގެ އޭނާގެ ހިއްސާ ވިއްކާލަފާނެކަމަށެވެ.

އަނެއް މައްސަލައަކީ ޗައިނާއެވެ. ޓެސްލާއިން އުފައްދާ ވެހިކަލްތަކުގެ ދެބައިކުޅަ އެއްބައި އުފައްދަނީ ޗައިނާގައެވެ. އަދި އެކުންފުންޏަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބަޔަކީ ޗައިނާއިން ލިބޭ އާމްދަނީއެވެ. ނަމަވެސް ޓްވިޓަރ އަކީ ޗައިނާ މީހުންނަށް ރައްޓެހި އެއްޗެއްނޫނެވެ. ދާދިފަހުން ހޮންގކޮންގ ގައި ކުރި މުޒާހަރާތަކުގެ ކޮންޓެންޓްތައް ޓްވިޓަރގައި ދައުރުވި ގޮތާމެދު ބެއިޖިންގ ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން ޓްވިޓަރ ގައި ކޮންޓެންޓް ގެނެވޭގޮތާމެދު ބަދަލުތަކެއް މަސްކު ނުގެނެސްފިނަމަ ޗައިނާއަށް ޓެސްލާ މެދުވެރިކޮށް އެކަމުގެ އަގު އަދާކުރުމަށް މަޖުބޫރުކުރެވޭނެއެވެ. އަނެއްކޮޅުން ޓްވިޓަރ އަށް ގެނެވޭ އެފަދަ ބަދަލަކީ ޓްވިޓަރ ބޭނުންކުރާ މީހުންނަށް އެހާ ކަމުދާނެ ނިންމުމަކަށް ނުވެދާނެއެވެ.

އެހެންކަމުން މިހުރިހާ ކަމަކަށްބަލާއިރު، މިއެއްބަސްވުމާއި އެއްގޮތަށް އީލޮން މަސްކު ޓްވިޓަރ އާ ހަވާލުވުމުގެ ކުރިން ދުރަށް ދިޔުމަކީ ކައިރިކަމެކެވެ. އަދި މިގޮތަށް ކަމެއްކުރުމަށް އުޅުމަށްފަހު އެކަމުން ދުރަށް ދިޔުމަކީ މަސްކު އަލަށްކުރާ ކަމެއްވެސް ނޫނެވެ.

- ކޮމެންޓް