ބެއިޖިންގ ގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު އެސިޓީގައި ދިރިއުޅޭ 22 މިލިއަން މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުން އަންގާރަ ދުވަހު ކިޔު ދަމާލީ ކޮވިޑަށް ޓެސްޓްކުރުމަށެވެ. ޗައިނާގެ ކެޕިޓަލް ސިޓީގައި ކޭސްތައް އިތުރުވާން ފެށުމުން ހާލަތު ގޯސްވެދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މުޅި ސިޓީ ލޮކްޑައުންއަކަށް ދިޔުމުން ސަލާމަތްކުރުމުގެ ގޮތުން މުޅި އާބާދީ އެއްކޮށް ޓެސްޓްކުރުމަށް ނިންމާފައެވެ. ވަކިން ޚާއްސަކޮށް ޗައިނާގެ ވިޔަފާރީގެ މައި ހަބުކަމުގައި ބެލެވޭ ޝަންހާއީ ލޮކްޑައުންކުރުމުން ދިމާވި ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައިވެސް ބެއިޖިންގ އިން ދުރާލާ ފިޔަވަޅުތައް އަޅަން ބޭނުންވެއެވެ.
ޝަންހާއީގެ 25 މިލިއަން މީހުން ލޮކްޑައުންއަކަށް ދިޔުމާއެކު ބޭނުންވާ ޒަރޫރީތަކެތި ލިބުމަށް ދަތިވެ މީހުން ވަނީ ރުޅި ގަދަވެފައެވެ. އެހެންކަމުން ބެއިޖިންގ އިންވެސް ފެނިގެންދިޔައީ ކާނާ އާއި އެނޫންވެސް ޒަރޫރީ ބާވަތްތައް ގަނެ ސްޓޮކް ކުރުމަށް މާރުކެޓްތައް ފުރާލިތަނެވެ.
ހޯމަ ދުވަހުގެ ހެނދުނު ބެއިޖިންގގެ އެންމެ އާބާދީ ބޮޑު ޑިސްޓްރިކްޓް ކަމުގައިވާ ޗަޔޮންގ ޑިސްޓްރިކްޓްގައި ވަނީ ޓެސްޓްކުރަން ފަށާފައެވެ. ހޯމަ ދުވަހުގެ ރޭ ބެއިޖިންގގެ ކަމާބެހޭ ފަރާތްތަކުން ވަނީ 10 ޑިސްޓްރިކްޓަކާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ޒޯނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން މިހަފްތާތެރޭގައި ޓެސްޓްކުރުމަކީ މަޖުބޫރުކަމެއް ކަމަށް ކަނޑައަޅާފައެވެ. މިއާއެކު 20 މިލިއަން މީހުން ޓެސްޓްކުރެވޭނެއެވެ. އޭގެތެރެއިން 16 މިލިއަން މީހުން އަންގާރަ ދުވަހު ވަނީ ޓެސްޓްކޮށްފައެވެ.
އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ބެއިޖިންގ އިން އަލަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ 33 މީހުންނަށެވެ. އެއްވެސް މީހަކު މަރުވެގެން ބެއިޖިންގ އިން އަދި ރިޕޯޓެއް ނުކުރެއެވެ. ބެއިޖިންގ އިން އަދި ފެންނަމުންދާ ކޭސްތަކުގެ އަދަދަކީ ޝަންހާއީއާ ބަލާއިރު ކުޑަމިންވަރެކެވެ. ޝަންހާއީގައި އަންގާރަ ދުވަހު 52 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އޭގެކުރީ ދުވަހު މަރުވި މީހުންގެ އަދަދު ހުރީ 51 ގައެވެ. އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަންހާއީން 190 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. ނަމަވެސް ޝަންހާއީގައި ދިރިއުޅޭ ރައްޔިތުން ބުނާގޮތުގައި އެއަށްވުރެ ގިނަ މީހުން މަރުވެފައިވާނެއެވެ. މާރޗް މަހުގެ ކުރީކޮޅު އެތައް ބަޔަކު މަރުވެފައިވާކަމަށް އެމީހުން ބުނާއިރު ކޮވިޑްގެ އަދަދުތަކާމެދު މިއާއެކު ވަނީ ސުވާލު އުފެދިފައެވެ.
ބެއިޖިންގ ގައި ސްކޫލްތަކާއި، ފިހާރަތަކާއި އޮފީސްތައް އަދި ހުރީ ހުޅުވާފައެވެ. ނަމަވެސް ބުދަ ދުވަހުން ފެށިގެން ޓޫރިސްޓުންގެ މެދުގައި މަޤުބޫލު ލާމާ ޓެމްޕްލް ބަންދުކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ބެއިޖިންގ ގެ ނޭޝަނަލް ތިއޭޓަރު މިމަހުގެ ބާކީ އޮތް ދުވަސްތަކުގައި ބަންދުވާނެއެވެ.
އޮފިޝަލުން ވަނީ މޭ ޑޭއާ ދިމާކޮށް އަންނަ ބަންދު ދުވަސްތަކުގައި ބެއިޖިންގ ދޫކޮށް ނުދިޔުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އޭޕްރީލް 30ން ފެށިގެން މެއި 4 ވަނަ ދުވަހާ ހަަމައަށް ގިނަ މީހުން އެއްވެ އުޅުންވެސް މަދުކުރުމަށް ވަނީ އަންގާފައެވެ.
އަނެއްކޮޅުން އިޤްތިޞާދަށް ކުރިމަތިވެދާނެ އިތުރު ގޮންޖެހުންތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. ޝަންހާއީ ލޮކްޑައުންކުރުމާއެކު ޗައިނާގެ އިޤްތިޞާދަށް ވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ. ނަމަވެސް މުޅި ބެއިޖިންގ އެއްކޮށް ލޮކްޑައުންކޮށްގެން މާބޮޑަށް އިގްތިޞާދަށް އަސަރުކުރާނެކަމަށް ނުބެލެވެއެވެ. އެއީ ޝަންހާއީއާ އަޅާބަލާއިރު ބެއިޖިންގ ގައި އިގްތިޞާދީ މަސައްކަތްތައް ކުރިޔަށްގެންދާލެއް މަދުވީމައެވެ. އަދި ގޭގައި ތިބެގެން ގިނަ މަސައްކަތްތަކެއް ބެއިޖިންގ ގައި ކުރެވޭނެއެވެ.
ޝަންހާއީގައި އަދިވެސް ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު ކޮންމެސް ވަރެއްގެ ލުއިތަކެއް ވަނީ ދީފައެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ ފިޔަވަޅުތަކާމެދު ޝަކުވާކުރަމުންނެވެ. ބޭރަށް ދެވުނުނަމަވެސް ފިހާރަތަކާއި އެނޫންތަންތަން އަދިވެސް ހުންނަނީ ބަންދުކޮށްފައެވެ.