މިއަންނަ ސީޒަންގައި ފްރާންސްގެ ގަދަބާރު ޕީއެސްޖީގެ ކޯޗުކަމާ އެންޓޯނިއޯ ކޮންޓޭ ހަވާލުވުން ގާތްކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިހާރު ޓޮޓެންހަމަށް ކޯޗުކޮށްދެމުން އަންނަނީ އެންޓޯނިއޯ ކޮންޓޭއެވެ. އޭނާ ޓޮޓެންހަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވަނީ ޓީމު ދޫކޮށް އެހެން ކްލަބަކާ ހަވާލުވާށެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއަށް, އުންމީދުކުރިވަރުގެ ނަތީޖާއެއް ނުނެރެވި މުބާރާތުގެ ގަދަ 16ގައި ރެއާލް މެޑްރިޑް އަތުން ބަލިވީއެވެ. އެހެންކަމުން އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދޫކޮށްލުމަށް އެކުލަބުގެ ބޯޑުން ބޭނުންވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފުރުސަތުގެ ބޭނުންހިފައި ކޮންޓޭ ވަނީ އަމިއްލައަށް ޕީއެސްޖީއަށް ދެއަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ސަމަރ ޓްރާންސްފަރގައި ކޮންޓޭ ޕީއެސްޖީއާ ހަވާލުވާނީ ސްވެޕް ޑީލެއްގެ ދަށުންނެވެ. އޭރުން ޕޮޗެޓީނޯ އެނބުރި ދާނީ އޭނާ ކުރިން އިރުޝާދުދިން ޓޮޓެންހަމަށެވެ.
ޕޮޗެޓީނޯއާއެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އަދި އަހަރެއް އެބައޮތެވެ. އޭނާ ދޫކޮށްލުމަށް ޕީއެސްޖީން 12.6 މިލިއަން ޕައުންޑް ޚަރަދުކުރަން ޖެހޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމަށް އެރިކް ޓެން ހާގް ހަމަޖެއްސުމުގެ ކުރިން އެޓީމުން ޕޮޗެޓީނޯއާވެސް މަޝްވަރާ ކުރިއެވެ.
ކުރިއަށް އޮތްތަނުގައި ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވާނީ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޒިނެދިން ޒިދާން ކަމަށްވެސް މީގެ ކުރިން އަޑުތައް ފެތުރުނެވެ. ނަމަވެސް ގަތަރުގައި މިއަހަރު އޮންނަ ވޯލްޑް ކަޕަށްފަހު ޑިޑިއޭ ޑެޝަމްޕްސްގެ ބަދަލުގައި ޒިދާން ފްރާންސް ޓީމާ ހަވާލުވުން ގާތްކަމަށް ރިޕޯޓުތައް ބުނެއެވެ.