ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ސްޕެއިންގެ ރެއާލް މެޑްރިޑްއާއި ގުޅުން ގާތްކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓުގައި ފްރީ ޓްރާންސްފަރއެއްގައި ރުޑިގާ ރެއާލްއަށް ބަދަލުވާނެއެވެ. ދެފަރާތުގެ މަޝްވަރާތައް މިހާރު ކުރިއަށް ގެންދަން ފަށާފައިވާއިރު، ރުޑިގާއަށް ރެއާލްއިން ހުށަހަޅާފައި ވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެކެވެ. އަދި މި ހަފްތާގެ ތެރޭގައި ހުރިހާ އެއްބަސްވުންތަކެއް ހަދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ރަސްމީކޮށް ރުޑިގާ ރެއާލްއަށް ބަދަލުވާކަން އަންގާނީ ކުރިއަށް އޮތް ސަމަރް ޓްރާންސްފަރގައެވެ.
ރެއާލްއަށް މިހާރު އެންމެ ބޭނުން ބޮޑުވެފައި އޮތީ ޓީމުގެ ފަހަތަށް ކުޅޭނެ ޓޮޕް ލެވެލްގެ ކުޅުންތެރިއެކެވެ. ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި ރެއާލް ކުޅުނު މެޗުގައި ރުޑިގާގެ ފަރާތުން ފެނުނު ކުޅުން ވަނީ ރެއާލްގެ މެނޭޖުމެންޓަށް ވަރަށް ކަމުގޮސްފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްހޭމް އަތުން ޗެލްސީ މޮޅުވި މެޗަށްފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗޭލްވެސް ވަނީ ރުޑިގާ މިއަންނަ ސީޒަންގައި ކްލަބުގައި ނުހުންނާނެ ކަމަށް ބުނެފައެވެ. ޓުޗޭލް ބުނީ ރުޑިގާ އިތުރަށް ކްލަބުގައި މަޑުކުރަން ބޭނުން ނުވާ ކަމަށާއި، އެކަން އޭނާއަށް އަންގާފައިވާ ކަމަށެވެ.