Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 19:35
އދ ގެ ހިޔުނަބް ރައިޓސް ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން
އދ ގެ ހިޔުނަބް ރައިޓސް ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
އެމްޑީޕީ
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
އެޖެންޑާގައި ގައުމުތައް ހިމަނަނީ ޙައްޤުތައް ނިގުޅައިގަތުން ބޮއްސުންލައި، އަނިޔާވެރިކަން އިންތިހާއަށް ދިއުމުން
އެޖެންޑާގައި ހިމެނުމާއެކު ދިވެހިރާއްޖޭގެ ޙާލަތު ބެލުމަށާއި އިސްލާޙްކުރުމަށް ބާރު އަޅައި ސަރުކާރުގެ ޢަމަލުތައް އޮބްޒާވްކުރަން ފެށާނެ
އިނގިރޭސި ވިލާތުން ހުށަހެޅީ ގަރާރަށް 30 އަށް ވުރެ ގިނަ ގައުމުން ތާއީދުކޮށްފައިވޭ

ދިވެހި ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި އިހުމާލުވެ، އެ ޙައްޤުތަކުން ރައްޔިތުން މަހުރޫމުކުރަމުން ގެންދާތީވެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ދުނިޔޭގެ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެ މަތީ ޖަމްޢިއްޔާ، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ދިވެހިރާއްޖެ ހިމެނޭ ޙާލަތަށް ދިވެހިރާއްޖެ ވައްޓާލާފައިވާކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ގައުމުތައް ހިމަނަނީ ޙައްޤުތައް ނިގުޅައިގަތުން ބޮއްސުންލައި، އަނިޔާވެރިކަން އިންތިހާއަށް ދިއުމުންނެވެ.

އެގޮތުން ކައުންސިލްގެ އެޖެންޑާގައި ހިމެނުމާ އެކު ދިވެހިރާއްޖޭގެ ޙާލަތު ބެލުމަށާއި އެކަންކަން އިސްލާޙްކުރުމަށް ބާރު އަޅައި ސަރުކާރުގެ ޢަމަލުތައް އޮބްޒާވްކުރަން ފަށާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

 އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 35 ވަނަ ބައްދަލުވުމުގައި 30 އަށް ވުރެ ގިނަ ޤައުމުތަކުން ތަޢީދުކޮށް އެޖެންޑާ އައިޓަމް ދޭއްގެ ދަށުން ބުދަ ވަހު އިނގިރޭސިވިލާތުން އިއްވި ބަޔާނުގައި ޤާނޫނު އަސާސީންނާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް ފޯރުކޮށްދިނުމުގައި ތަކުރާރުކޮށް ދިވެހި ސަރުކާރުން އިހުމާލުވުމާއި، ރައްޔިތުންނަށް ބިރުދެއްކުމާއި ހައްދުފަހަނަޅާފައިވާ ފިކުރަށް ދިވެހިރާއްޖޭގައި ޖާގަ ލިބިދިނުމާއި، މަދަނީ އެތައް ޙައްޤުތަށް ނިގުޅައިގެންފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ ކަންކަން އިސްލާޙްކުރުމަށް ގޮވާލާފައިވާކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުނު ބަޔާނުގައި ދިވެހިރާއްޖޭގައި މިނިވަންކަމާ އެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް އޮތް ޖާގަ ހަނިވަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ. ފާއިތުވީ އަހަރުތަކުގެ ތެރޭ ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވާލައި، މިނިވަންކަމާ އެކު ޕާޓީ ހިންގުމުގެ ބާރުތައް ނެތިކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ޤާނޫނު އަސާސީގެ ރޫޚާ ޚިލާފް އެތައް ބަދަލުތަކެއް ގެނެސް މުޅި ޑިމޮކްރަޓިކް ނިޒާމް ވަނީ ހައިޖެކްކޮށްފައި ކަމަށް ވަނީ ބުނެފައެވެ. އަދި ވާދަވެރި ޕާޓީތަކުގެ ލީޑަރުންނަށް ސިޔާސީ ދައުވާތައްކޮށް ޖަލުގައި ބަންދުކޮށް އެފަރާތްތަކުގެ މުދަލަށް ސަރުކާރުން އަރައިގަނެ އާއިލާއަށް ފުރައްސާރަކުރުން އާންމުވެފައިވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. 

 އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލުމާއި ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން އާއިލާއިންނާއި ރައްޔިތުން ސުވާލުކުރުމުން އެއީ ‘ސިޔާސީ’ ކުރުން ކަމުގައި ބުނެ އެސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދިނުމަކީ ދައުލަތުގެ މުވައްސަސާތަކުން މަސްއޫލިއްޔަތު އަދާކުރުމުން ރެކުމަށް މަސައްކަތްކުރުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުން މެރުމާއި، ގެއްލުވާލުން ފަދަ އަނިޔާވެރިކަމެއް ރާއްޖޭގައި ބަޔަކު ރާވައިގެން މިއަދު ކުރާއިރު އެ ބަޔަކު ދިވެހި ފުލުހުންނަށާއި ސިފައިންނަށް ނުހޯދޭނެ ކަމަކަށް އެމްޑީޕީން ނުދެކޭ ކަމަށާއި އަދި އެކަން ކުރި، ރޭވި، އަދި ފައިސާ ޚަރަދުކުރި ބަޔަކު ހޯދައި އެކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަންޖެހޭނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

 ބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ޢަމަލުތައް މިއަދު ބޮއްސުންލާފައިވާއިރު، އެކަންކަން އިސްލާޙްކުރުމުގެ ޒިންމާ ޤާނޫނު އަސާސީން މަތިކޮށްފައިވަނީ ދައުލަތުގެ މުވައްސަސާތަކާއެވެ. އެހެންނަމަވެސް މުވައްސަސާތައް މިއަދު އިންތިހާއަށް ސިޔާސީވެ، ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމު ގަޑުބަޑުކޮށްފައިވާ ކަމަށް އެމްޑީީގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް