އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި ޑިފެންސް ސެކެޓްރީ އޮސްޓިން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ޔޫކްރެއިންގެ ވެރިރަށް ކިޔެވް ގައި މިދެ ބޭފުޅުން ޒެލެންސްކީއާ ބައްދަލުކުރައްވާނެކަން ހާމަކުރެއްވީ ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްފައެވެ. މިއީ ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށިފަހުން އެމެރިކާގެ އިސް އޮފިޝަލުންތަކެއް ޔޫކްރެއިންއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ޒެލެންސްކީ މިކަން ހާމަކުރައްވާފައި މިވަނީ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ހިމެނޭ ވަފުދެއް ކިޔެވް އަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
ޒެލެންސްކީ މިކަން އިއުލާނު ކުރެއްވިނަމަވެސް މިކަމާއި ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން އަދި ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.
މިމަހުގެ ކުރީކޮޅު ގައުމުތަކުގެ އިސްވެރިން ވަނީ ޔޫކްރެއިނަށް ވަޑައިގެން ޔޫކްރެއިނާއެކު ތިބިކަން ހާމަކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މިމަހުގެ ކުރީކޮޅު ޔޫކްރެއިނަށް ވަޑައިގެން ޒެލެންސްކީއާ ކިޔެވްގައި ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ރިޕަބްލިކަންގެ ދެ މެމްބަރުންވެސް ވަނީ ޔޫކްރެއިންއަށް ވަޑައިގަންނަވާފައެވެ.
އަނެއްކޮޅުން އަންނަ ހަފްތާތެރޭގައި އދ ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާއި ރަޝިޔާގެ ރައީސް ޕުޓިންއާ ވަކިވަކިން ބައްދަލުކުރައްވާނެއެވެ. މިއިން ކޮންމެ ރައީސަކާވެސް ގުޓަރޭސް ބައްދަލުކުރައްވާނީ އެގައުމެއްގެ ވެރިރަށުގައެވެ.