Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 19:28
އާޒިމް ހައްޔަރުކުރުން
އާޒިމް ހައްޔަރުކުރުން
ޓްވިޓަރ
އާޒިމް ހައްޔަރުކުރުން
ރައީސް ޔަމީން ޑިމޮކްރަސީއަށް ރުޖޫއަ ވުމަށް ބޭނުންފުޅެއް ނުވޭ:އެމްޑީޕީ
އާޒިމް ހައްޔަރުކުރީ ސަރުކާރު ވައްޓާލުމަށް ކަމަށް ބުނެ
އެމްޑީޕީން ވަނީ ސަރުކާރުގެ މިއަމަލު ކުށްވެރިކޮށްފަ

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އަނެއްކާ ވެސް ދައްކުވާދެނީ، ރައީސް އަބްދުﷲ ޔާމިން ޑިމޮކްރަސީގެ އުސޫލުތަކަށް ރުޖޫއަށް ވުމަށް ބޭނުންފުޅު ނުވާ މިންވަރު ކަމަށް އެމްޑީޕީން ބުނެފި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އދ.ގެ ހިއުމަން ރައީޓްސް ކައުންސިލުން ރާއްޖޭގެ އިންސާނީ ހައްގުތައް ލިބިދޭ މިންވަރުތަކާ ގުޅޭ ގޮތުން ފާޑުކިޔާ ބަޔާނެއް ނެރުނުތާ 24 ގަޑިއިރު ފަހުން އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅަކު ހައްޔަރުކޮށްފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކަކަށް ބިނާކޮށް ކަމަށެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ މި އަމަލު ކުށްވެރިކޮށް އާޒިމް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލައްވާފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ކޮއްކޮ އާޒިމް ހައްޔަރުކޮށްފައިވަނީ، ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށާއި ޝަރުއީ  ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މައުލޫމާތު ފަތުރާ ކަމަށް ބުނެ އެވެ.

ޖެނީވާގައި ކުރިއަށްދާ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަންގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ގުޅޭގޮތުން 30 ގައުމެއް އެކުގައި އިއްވި ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަންކޮށް، އެ މުއައްސަސާތަކަކީ ޑިމޮކްރަސީ ދެމެހެއްޓުމަށް އެ މުއައްސަތަކާއި މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފާރަވެރިވާން ޖެހޭ ފަރާތްތަކަށް ފާރަވެރި ވެވޭނެ ބަޔަކަށް ހެދުމަށް ގޮވާލާކަމަށެވެ.

މި ބަޔާނަށް ރައްދުދެއްވާ ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަންކުރުމަށް އިގިރޭސިވިލާތް އިސްވެ، ތިރީސް ގައުމެއްގެ ސަޕޯޓާއެކު ނެރެފައިވާ ބަޔާނަކީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް ކަމަށެވެ. އެ ބަޔާނުގައި ހިމެނެނީ ހަގީގަތާއި ހިލާފު މައުލޫމާތުތަކެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް ވަނީ އާޒިމް ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. ޖޭޕީގެ ބަޔާނުގައި ބުނެފައި ވަނީ އާޒިމް ހައްޔަރުކުރީ ބޭބެ ކާނަލް ނާޒިމް މިނިވަންކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުންނާއި އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން ކުރިއަށް ގެންދާ ސިޔާސީ ހަަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ. އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީ މިނިވަންކަން ހިފެހެއްޓުން ހުއްޓާލަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް