ކ. މާލެ
|
23 އޭޕްރިލް 2022 | ހޮނިހިރު 09:08
ރައީސް ހިންނަވަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރައީސް ހިންނަވަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރާއްޖެއެމްވީ
ރައީސްގެ އުފަން ރަށަށް ކުރައްވާ ދަތުރުފުޅު
ރައީސްގެ އުފަން ރަށުން އައުކުރެއްވީ ކުރީގެ ހަނދާންތައް
ރައީސް ވަނީ އުފަން ރަށް ހިންނަވަރަށް ވަޑައިގެން، އާއިލީ ބޭފުޅުންނާއި ރަހުމަތްތެރިންނާ ބައްދަލުކުރައްވާފައި
ރައީސްގެ މިދަތުރުފުޅުގައި އާއިލީ ބޭފުޅުންނަށް ރޯދަ ވީއްލުމެއް ދެއްވިއިރު ރައްޔިތުންނަށް ވަނީ ތަރާވީހެއް ދެއްވާފައި

ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފާހަގަ ވެގެންގޮސްފައިވަނީ އަބަދުވެސް ރައްޔިތުންގެ އަޑު އައްސަވާ ވެރިއެއްގެ ގޮތުގައެވެ. ކެމްޕެއިން ދުވަސްވަރުން ފެށިގެން ވެރިކަމަށް ވަޑައިގެން މިއަދާ ހަމައަށްވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ އަބަދުވެސް ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުންނާ ބައްދަލުކުރައްވައި ގެންގުޅުއްވާ ގާތްކަމެވެ. ކަންކަމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް އަޑުއައްސަވައި އެކަންކަން ހައްލުކޮށްދެއްވުމަށް އެމަނިކުފާނު މަސައްކަތްކުރައްވާކަމީ މިހާތަނަށް ފެނިފައިވާކަމެކެވެ.

އަނެއްކޮޅުން ރައީސް ސާލިހަކީ އަތޮޅުތެރޭގެ ރަށަކަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ރައީސެވެ. ރައީސް ސާލިހު އާއިލާ ބޭފުޅުންނާ އޮންނަ ގާތްގުޅުމުގެ ވާހަކަތަކަކީ ދެއްވާ އިންޓަރވިއުތަކުގައި ދައްކަވާފައި ހުރި ވާހަކަތަކެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ވަނީ ރަސްމީ ހައިސިއްޔަތުންނާއި ނުރަސްމީ ހައިސިއްޔަތުން އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގަންނަވާފައެވެ. އެއިން ކޮންމެ ފަހަރަކުވެސް ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ. އަދި ރައީސްގެ ފަރާތުން ވަނީ ގާތްކަމާއި ސާދާކަން ފެނިގެންގޮސްފައެވެ.

މިފަހަރު ރައީސް ދެ ދުވަހުގެ ދަތުރުފުޅެއްގައި އުފަންރަށަށް ވަޑައިގެންނެވީ ގާތްތިމާގެ ބޭފުޅުންނާއި ގާތް ރަހުމަތްތެރިންނާ ބައްދަލުކޮށްލައްވައި, ގުޅުން އިތުރަށް ބަދަހިކޮށްލެއްވުމަށެވެ. ނުރަސްމީ މި ދަތުރުފުޅުން ފެނިގެންގޮސްފައިވާ ފޮޓޯތަކަށް ގިނަ ބަޔެއްގެ ލޯތައް އަމާޒުވެފައިވާއިރު, އެއިން ކޮންމެ ފޮޓޯއަކުންވެސް ގިނަ ވާހަކަތަކެއް ބުނެދެއެވެ. އޭގެތެރެއިން ބައެއް ފޮޓޯތަކުން ފެނިގެންދަނީ ރައީސްގެ ތުއްޕުޅުއިރުގެ ހަނދާންތަކެވެ. އަނެއް ބައި ފޮޓޯތަކުން ފެނިގެންދަނީ ކިޔަވާވިދާޅުވިއިރު ލިބޭ ޗުއްޓީތަކުގައި ރަށަށް ވަޑައިގެން އުޅުއްވާއިރު ކުރައްވާ ކަންތައްތަކެކެވެ.

ބައެއް ފޮޓޯތަކުން ތާސްކުޅެން ތިބި ބައެއްގެ އަރިހުގައި އިންނަވާތަން ފެންނައިރު, އެއީ ކުރީގައިވެސް އެގޮތަށް ތާސްކުޅެ ރޯދަ މަހު ރޯދަ ކުރުކުރުމުގެ ގޮތުން އެކި ކުޅިވަރުތައް ކުޅެމުންދިޔަ ތަނެކެވެ. ރައީސްގެ ގެކޮޅު ކައިރީގައި އޮންނަ ބޮޑު ހުސްތަނުގައި އޭރުވެސް ރިޔާ އަޅައިގެން އެގޮތަށް އެކުޅިވަރުތައް ކުޅުއްވިއެވެ. އެހެންކަމުން ރަހުމަތްތެރިންނާއެކު އޭރު ކުޅުއްވި ކުޅިވަރުތައް ކުޅުއްވައި, ރައީސްކަމުގައި ހުންނަވައި, ރަހުމަތްތެރިންނާއެކު މިވަނީ އަލުން އެހަދާންތައް އައު ކުރައްވާފައެވެ.

ރައީސް ތާސްކުޅެން ތިބި ބަޔެއްގެ ކައިރީގައި، މިއީ ކުރީގައި ރަހުމަތްތެރިންނާއެކު ކުރެއްވި ކަމެއް - ރާއްޖެއެމްވީ

ރައީސްގެ މިދަތުރުފުޅުގައި ހަވީރު ހޭދަކުރެއްވީ މުޅިންވެސް އާއިލާ ބޭފުޅުންނާއި ރަހުމަތްތެރިންނާއި އާންމު ރައްޔިތުންނާއެކުއެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކާ ރައީސް ބައްދަލުކުރައްވާއި ރައްޔިތުންގެ ހާލު އެއްސެވިއެވެ. ގާތްތިމާގެ ބޭފުޅުންނާއި ރަހުމަތްތެރިންގެ ގޭގެއަށް ވަޑައިގެންނެވިއެވެ. ކުރީގައި ރަށަށް ވަޑައިގެން އުޅުއްވާއިރު އެގޭގެއަށް ޒިޔާރަތްކުރައްވާ ގޮތަށެވެ.

ރައީސް ހިންނަވަރުގެ ގެއަކަށް ވަޑައިގެން - ރާއްޖެއެމްވީ

ގޭގެއަށް ޒިޔާރަތްކުރެއްވުމުގެ ތެރޭގައި ބައެއް ގޭގެއިން ރައީސަށް ވެދުންތައްވެސްކޮށްފައިވެއެވެ. މިދުވަސްވަރަކީ ހިންނަވަރަށް ވަރަށް އަނބު ތިޔާގި ދުވަސްވަރަކަށްވުމުން ގެއަކަށް ވަޑައިގެން އެގެއިން ނިކުންނެވުމުން އެގޭގެ ކުޑަކުއްޖަކު ވަނީ ރައީސްއަށް އަނބު ކޮތަޅެއް ވެދުމަށް އަރުވާފައެވެ.

ކުޑަކުއްޖަކު ރައީސަށް އަނބުކޮތަޅެއް ވެދުމަށް އަރުވަނީ - ރާއްޖެއެމްވީ

އާންމު ރައްޔިތުންގެ ހާލު ބެއްލެވުމަށް ހިންނަވަރުގެ މަގުތައް މަތީގައި ރައީސް ހިންގަވަމުން ގެންދެވިއިރު ބައެއް ކުޑަކުދިން ރައީސް ވަޑައިގަންނަވާތީ "އެއީ ރައީީސް"އޭ ކިޔައި ދުރަށް ދުވެހެދިއެވެ. އެހެންނަމަވެސް ރައީސް ވަނީ އެކުދިންނާ އަރާހަމާކުރައްވައި އެކުދިންނާ ބައްދަލުކުރައްވާފައެވެ. އަދި އެކުދިން ގެންގުޅުނު މުސަޅެއް ހިއްޕަވައި, އެކުދިންނާ ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ.

ކުޑަކުދިންތަކެއް ކައިރީގައި ހުއްޓިވަޑައިގެން އެކުދިން ގެންގުޅޭ މުސަޅު ނަންގަވައިގެން ވާހަކަ ދައްކަވަނީ - ރާއްޖެއެމްވީ

ރައީސްގެ މިދަތުރުފުޅުގައި ވަނީ އަމިއްލަފުޅު ގޭގައި އާއިލާގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ރޯދަ ވީއްލުމެއް ދެއްވާފައެވެ. އާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކޮށްލެއްވުމަށް ރައީސް ވަނީ މިދަތުރުފުޅުގެ ތެރެއިން މަސައްކަތްކުރައްވާފައެވެ.

ރައީސް ހިންނަވަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން - ރާއްޖެއެމްވީ

ރޯދަ ވީއްލުން އާއިލާގެ ބޭފުޅުންނަށް ދެއްވިނަމަވެސް ރަށުގެ ރައްޔިތުންނަށް ވަނީ ތަރާވީހެއްވެސް ދެއްވާފައެވެ. މިތަރާވީހުން ފެނިގެންދިޔައީ ރައްޔިތުން ރައީސާ ބައްދަލުކުރަން ބޭނުންވެފައިވާލެއް ބޮޑުކަމެވެ. ރައީސާ ވަކިން ބައްދަލުކޮށް ރައްޔިތުންގެ ހުރި އުދާސްތައް ރައީސަށް ދެންނެވުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރެވެ.

ރައީސް ދެއްވި ތަރާވީހުގެ ތެރެއިން - ރާއްޖެއެމްވީ

މި ހިއްސާކޮށްލެވުނީ ރައީސްގެ މިދަތުރުފުޅުގެ މަދު ފޮޓޯތަކާއި އެފޮޓޯތަކުން ބުނެދޭ ވާހަކަތަކެވެ. މިނޫނަސް އެތައް ފޮޓޯއެއް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާއިރު, އެފޮޓޯތަކުންވެސް ފެނިގެންދަނީ ރައްޔިތުންގެ އުދާސްތައް އައްސަވާ ހިތްހެޔޮ އޯގާތެރި ވެރިއެކެވެ. ރައްޔިތުންގެ ޝަކުވާތައް ކެތްތެރިކަމާއެކު އަޑުއައްސަވާ ވެރިއެކެވެ. މިއީ ރަސްމީ ހައިސިއްޔަތުން ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިންވެސް ފެންނަ މަންޒަރެކެވެ.

- ކޮމެންޓް