މެންޗެސްޓަރ ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހިތްވަރުދިނުމަށް ލިވަޕޫލް ސަޕޯޓަރުން ދިން ހޫނު ތަރުހީބަށް އޭނާ ޝުކުރުއަދާކޮށްފިއެވެ.
ރޮނާލްޑޯއަށް ހޯމަ ދުވަހު ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން ފިރިހެން ކުއްޖާ ވަނީ މަރުވެފައެވެ. އެހެންވެ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ރޮނާލްޑޯއެއް ނުކުޅެއެވެ. ޔުނައިޓެޑުން ބުނީ ރޮނާލްޑޯގެ އާއިލީ ޒިންމާތައް އަދާކުރުމަށް ޓީމުން ރިލީޒް ދީފައިވާކަމަށެވެ.
މި މެޗުގައި ރޮނާލްޑޯ ނުކުޅުނުނަމަވެސް މެޗުގެ ހަތްވަނަ މިނެޓުގައި ލިވަޕޫލް ސަޕޯޓަރުން ވަނީ ރޮނާލްޑޯއަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަތުމަށް ހޫނު ހިތްވަރެއް ދީފައެވެ. މިކަމާގުޅިގެން އިންސްޓަގްރާމްގައި ރޮނާލްޑޯ ކުރި ޕޯސްޓެއްގައި ވަނީ, ލިވަޕޫލް ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ރޮނާލްޑޯ ބުނީ ކުޅިވަރުގެ އާއިލާގައި ހިމެނޭ ލިވަޕޫލްގެ ފަރާތުން އޭނާއަށް ލިބުނު ހިތްވަރު ދުވަހަކުވެސް ހަނދާންނުނެތޭނެކަމަށެވެ.
ރޮނާލްޑޯ ދެން މެޗުތަކުން ފެންނާނީ ކޮން އިރަކުކަމެއް އަދި ނޭނގެއެވެ. ނަމަވެސް ބުދަ ދުވަހު އޭނާ ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ޓީމުގެ ފަރިތަކުރުމަށް އޭނާ ކާރުގައި ދިޔައިރުވެސް މޫނު މަތިން ފެނުނީ މޮޅިވެރިކަމެވެ.