ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވާފައިވާ ދެ ހުކުމުގެ ތެރެއިން ހަ މަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވެ، މަހްލޫފަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މި ހުކުމް ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. މަހްލޫފް މިހާރު ތަންފީޒު ކުރަމުން ގެންދަވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި، ހުކުރު ދުވަހު އޭނާ މިނިވަންވާނެ އެވެ.
މަހްލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށް ފަހު މަހުލޫފް ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.
މަހްލޫފް ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މާޗް، 2015 ގައި ބޭއްވި މުޒާހަރާއެއްގައިި ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަން ކަން ސާބިތުވުމުންނެވެ.
ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް މަހްލޫފް ވަން ކަން ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
އދ.ގެ ވޯކިން ގްރޫޕުން ބުދަ ދުވަހު ނިންމާފައިވަނީ މަހްލޫފް ޖަލަށްލީ ގޯސްކޮށް ކަމަށާއި އޭނާ ވަގުތުން މިނިވަން ކުރަންޖެހޭ ކަމަށެވެ.
މަޚްލޫފު ދޫކޮށްލުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަހްލޫފަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިިދިނުމަށްވެސްއދ. ވަރކިން ގްރޫޕުން ވަނީ ގޮވާލާފައެވެ.
މަޚްލޫފް މިހާރު ތަންފީޒް ކުރައްވަމުން އެ ގެންދަވަނީ، ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ޖަލުހުކުމްވެސް އަންނަ ހުކުރު ދުވަހާއި ހަމައަށް ތަންފީޒުކޮށް ނިމޭނެއެވެ. އަދި ޖޫން މަހުގެ 9 ވަނަ ދުވަހު މަޚްލޫފް މިނިވަން ވާނެއެވެ.