ރަމަޟާން މަސް ފެށުނު އިރު 80ރ. އަށް ލިބެން ހުރި މަސް ކިލޯގެ އަގު 30ރ. އަށް ދަށަށް ހިގައްޖެ އެވެ.
މަސް މާރުކޭޓުގައި ކަނޑު މަހުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ބަލާ އިރު ކަނޑުމަސް ކިލޯއެއްގެ އަގު އުޅެނީ، 30ރ. އާއި 35ރ ރުފިޔާ އަށެވެ. މީގެ ކުރިން ކަނޑުމަސް ކިލޯއެއް 80ރ. އަށް 150ރ. އަށް ލިބެން ވެސް ހުއްޓެވެ.
ކަނޑުމަހުގެ އަގު އެހާ ބޮޑުތަން ހެޔޮވެގެންދިޔަކީ މަސް ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެއެވެ.
މަސް ވިއްކާ ފަރާތްތަކުން ބުނީ، ކުރިއަށް އޮތް ތަނުގައި މަހުގެ އަގު ހެޔޮވެގެންދާނެ ކަމަށް ބެލެވޭ ކަމަށާއި މަސް ލިބޭ މިންވަރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށެވެ.
ލޯކަލް މާރުކޭޓުގައި ކަނޑުމަހުގެ އަގުތަކައް ހެޔޮ ބަދަލުތަކެއް އައިސްފާވާ އިރު އެތަނުން ފަރުމަހުގެ ލިބެންހުރި މިންވަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި އަޅާ ބަލާ އިރު ވަނީ އިތުރުވެފަ އެވެ. އެހެން ނަމަވެސް ޖުމްލަގޮތެއްގައި ފަރުމަހުގެ އަގުތައް އުޅެނީ ވަރަށް މަތީގަ އެވެ.
އެގޮތުން ރަތް މަހުގެ އަގު އުޅެނީ، 80ރ އިން 150ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. ގިނި މަހުގެ އަގު އުޅެނީ 40ރ އިން ފެށިގެން 100ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. މާރުކޭޓުން ފާނަ އާއި، ދޮން މަސް، ނޫ މަސް އަދި ރޮންޑުގެ އިތުރުން، މާނިޔާ މަހާއި ފަނިހަނދި ވެސް ލިބެން އެބަ ހުއްޓެވެ.
ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތަކަށް ބަލާ އިރު ފަތުގެ ބާވަތްތައް ލިބުން ދަތިވުމުގެ ސަބަބުން، ފަތުގެ ބާވަތްތަކުގެ އަގުތައް އުޅެނީ ވަރަށް މަތީގަ އެވެ. ކުރިއަށް އޮތްތަނުގައި ވެސް މިކަމަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. އާއްމުގޮތެއްގައި، ކޮޕީ ފަތް ގެންނަނީ ކ.ކާށިދޫ އާއި އއ. ތޮއްޑޫ އިންނެވެ.
ފަތުގެ ބާވަތްތަކުގެ އިތުރުން ރާއްޖޭގައި ހައްދާ ކަރާގެ އަގުވެސް ވަނީ 20ރ އާއި 25ރ. އަށް އުފުލިފަ އެވެ.