ބަހާއި ބަހުރުވަތަކާމެދު މަގޭ ފިކުރު!

މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. އެޕްރީލް ސާދައެވެ. ދިވެހިބަހުގެ ދުވަސް ފާހަގަކުރެވެނީ ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ އެންމެމޮޅު އިލްމުވެރިންގެ ތެރެއިން އަލްއައްލާމާ ހުސައިން ސަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަސް ކަމަށްވާ 14 އެޕްރީލް 1881 އަށް ނިސްބަތްކޮށެވެ. އެ މަރުހޫމުގެ ޚިދުމަތްތަކުގެ ހަނދާންތައް މި ގައުމުގައި ލަހައްޓަވާށިއެވެ. ދިވެހިބަހުގެ ދުވަސް މިއަހަރުގެ މިދުވަހު ފާހަގަކުރާއިރު މިއަދަކީ އަލްއައްލާމާ ހުސައިން ސަލާހުއްދީނުގެ 141 ވަނަ އުފަންދުވަހެވެ. ސަލާހުއްދީން އަވަހާރަވީ ސިލޯނުގެ ކޮޅުނބުގައި 20 ސެޕްޓެމްބަރު 1948 ގައެވެ. މި މަނިކުފާނަކީ ދިވެހި ގައުމަށް ދީނީ، ޝަރުއީ، ގާނޫނީ، ސިޔާސީ، ތައުލީމީ، އަދަބީ، ސަގާފީ، ތާރީޚީ އެންމެ ގިނަގުނަ ޚިދުމަތް ކުރެއްވި އިލްމުވެރިޔާއެވެ.

ސަލާހުއްދީނަކީ ދިވެހިބަހުން އެންމެގިނަ ފޮތް ލިޔުއްވި އިލްމުވެރިޔާވެސްމެއެވެ. ދިވެހި ބަހުގެ ރިވެތިކަމާއި ފުރިހަމަކަން ދޭހަވާ އަދި ދިވެހިންގެ އެންމެންގެ މަގްބޫލުކަން ލިބިފައިވާ ސީރަތުއް ނަބަވިއްޔާ ލިޔުއްވީވެސް ސަލާހުއްދީނެވެ. 20 ވަނަ ގަރުނުގެ ފުރަތަމަ 50 އަހަރު އުފެދުނު ރާއްޖޭގެ އެންމެގިނަ އިލްމުވެރިންގެ އުސްތާޒަކީވެސް އެމަނިކުފާނެވެ. ރާއްޖޭގެ އެންމެ ފަޚުރުވެރި މަދުރަސާ ކަމަށްވާ މަޖީދިއްޔާގެ ހަގީގީ ބާނީއަކީވެސް އެއީއެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން 30 އަހަރު ކުރެއްވިއެވެ. އެންމެ ގިނަދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވުމުގެ ރިކޯޑުގެ ވެރިޔާއެވެ. ރާއްޖޭގެ ދުސްތޫރީ އެންމެ ފުރަތަމަ ސަރުކާރުގެ މިނިސްޓަރ އޮފް ލޯ، ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒެވެ. ދިވެހި އެންމެތަކުންގެ ގަދަރާއި އިހުތިރާމާއި ލޯބި ލިބިވަޑައިގެންނެވި ހުންނެވި އާލިމެކެވެ.

މިއަދަކީ ދިވެހިބަހުގެ ދުވަސްކަމަށްވާއިރު ދިވެހިބަހުގެ ހައްގުގައި ވާހަކަ ދައްކަން އެންމެ އެކަށީގެންވާ ދުވަހަކީވެސް މިދުވަހެވެ. ބަހާއި ބަހުގެ ބަހުރުވަތަކާމެދު ފާޅުކުރެވެމުންދާ ރައުޔުތަކަށް އެއްޗެއް ބުނެލަން އެންމެ މުނާސަބު ދުވަހަކީވެސް މިދުވަހެވެ. ދާދިފަހަކުން ބަހުގެ ވަރަށް މަޝްހޫރު އަދީބަކު ފާޅުކުރެއްވި ރައުޔެއްގެ އުދާސްތައް އަދި ފިލައިގެނެއްވެސް ނުދެއެވެ. ދެކުނުގެ ބަހުރުވަޔަކާމެދު ވަރަށް އެހެންކަހަލަ ލިޔުއްވުމެއް އެބޭފުޅަކު ވަނީ ލިޔުއްވައިފައެވެ. އެބޭފުޅަކު ލިޔުއްވިއެވެ. ގައުމީ ފެންވަރުގައި ރަސްމީ ބަހުރުވަ ނޫން ބަހުރުވަޔަކުން ވާހަކަދައްކައި ލިޔާން ފަށައިފިއްޔާ އެއީ ބައިބައިވުމާއި ފިތުނައިގެ އަލިފާން ރޯވެ ގައުމު ގަޑުބަޑުވެދާނޭ ކަމެކެވެ. އަޅުގަޑުގެ ފިކުރުގައި އެއީ މުޅިން ގޯސް ވާހަކައެކެވެ.

ދިވެހިބަހުގެ ހަގީގީ މުއްސަނދިކަމާއި ފޮނިކަމާއި ނަލަކަން އެންމެ ހެޔޮކޮށް އިހުސާސްކުރެވޭނީ ދިވެހިބަހުގެ ބަހުރުވަތަކުގެ ތެރެއިން އެއްބަހުރުވަޔަށްވުރެ ގިނަ ބަހުރުވައިގެ ތެރެއަށް ވަދެވިގެންނެވެ. އެއްބަހުރުވަ ދަންނަ މީހާގެ މިސާލަކީ ވަޅުގައި އޮންނަ ބޮކެއްގެ މިސާލެވެ. އެނޫން ވަޅުވަޅުވެސް ހުންނަކަމާއި އެތަންތަނުގެ ފުންކަމާއި ފުޅާކަމާއި ނަލަކަން އިހުސާސެއް ނުކުރެވޭނެއެވެ. މިގޮތް ދިމާވާ ބަސްވާރުން މިހާރެކޭ އެއްގޮތަށް ކުރީ ޒަމާނުގައިވެސް ތިއްބެވިއެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ތައާރަފުކުރުމުގެ މަޖިލީހަށް ދެކުނުގެ އަތޮޅަކުން ވަޑައިގެންނެވި މަންދޫބަކު ތަފާތު ބަހުރުވަޔަކުން ވާހަކަ ދެއްކެވީމާ އެކަން ކަމުނުގޮސްގެން ނުރުހުން ފާޅުކުރެއްވި ބަސްވާރުން ތިއްބެވިއެވެ. އެބޭފުޅުންގެ ހުއްޖަތް ބާތިލް ކުރައްވައި އެއީވެސް ދިވެހިބަސްކަމަށް ސާބިތުކޮށްދެއްވީ އައްލާމާ ހުސައިން ސަލާހުއްދީނެވެ.

ދިވެހި ބަހަކީ އާއިލާއެކެވެ. އެ އާއިލާގައި ހިމެނެނީ މާލޭން އުތުރުގެ ރަށްރަށާއި މެދުރާއްޖެތެރެއާއި ހައްދުންމަތީގެ އުތުރަށް ހުރި ރަށްތަކުގެ ޚާއްސަ ރާގުތަކާއި ބަހުރުވަތައް ހިމެނޭ ގޮތަށް މާލޭބަހާއި، ހައްދުންމަތީބަހާއި، ހުވަދޫބަހާއި، ފުވައްމުލަކުބަހާއި، އައްޑޫބަހެވެ. މިއީ ހުސް ދިވެހި ބަހުގެ ބަހުރުވަތަކެވެ. ދިވެހީންގެ ބަސްތަކެވެ. ދިވެހިބަހުގެ އާއިލާގެ ހުރިހާ މެންބަރުންގެ ކިބައިން އެއްގޮތް ސިފަތައް ފެންނަންހުރީ އެއް އާއިލާއަކަށް ނިސްބަތްވާ އިންސާނުންގެ ކިބައިންވެސް އެއްގޮތް ސިފަތައް ފެންނަން ހުންނަ އުސޫލުންނެވެ. އެކި މެންބަރުންގެ ކިބައިގައި ތަފާތު ސިފަތައް ހުންނަހެން ދިވެހިބަހުގެ އާއިލާގެ މެންބަރުންގެވެސް ތަފާތު ސިފަތައް އެބަހުއްޓެވެ. އެތަފާތު ތަކަކީ މިނިވަން މުސްތަގިއްލު ބަސްބަހުގައި ހުންނަފަދަ ވަކިވަކި ތަބައީ ސިފަ ގެނެސްދޭ ގަވާއިދާއި އުސޫލުގެ ތަފާތު ތަކެވެ.

ނަމަވެސް ހިތާމައަކީ މި ތަފާތުތައް ބަލައި ނުގަނެވުމުގެ ހިތާމައެވެ. އެކަށީގެންވާ ދިރާސާ ކުރުމެެއް ހޯދުމެއް ބެލުމެއް ނެތި ދިވެހިން ވާހަކަދައްކައި އުޅެނީ އެއް ބަހަކުންނޭ، ބުނެ ރަސްމީ ދިވެހި ބަހަށް އިޝާރާތްކޮށް، ދެންހުރީ މުހިއްމު ނޫން ކޮޅުދާލި ބަހުރުވަތަކެއް ކަމުގައި ކަނޑައަޅާފައިވާ ކަމެވެ. ވަކިވަކި ބަހުރުވަތަކުގައި ހުރި ގަވާއިދުގެ ފަރަގު ނެތް އެއްޗަކަށް ހަދާފައިވުމެވެ. ކުކުޅެއް ނަމަ ކޮންމެ ކުލައެއް ހުއްޓަސް އެއީ ކުކުޅެއްތާއެވެ. ހާލެއްނަމަ ކޮންމެ ކުލައެއް ހުއްޓަސް ބޮޑަސް ކުޑަޔަސް އެއީ ހާލެއްތާއެވެ. މި ތަފާތުކަން މި އާއިލާގެ އެކި މެންބަރު ބަހުރުވަތަކަށް ލިބިފައިވިޔަސް ކަންކަން ބަލަމުންދަނީ ހަމަ ކުކުޅު ހާ ގޮތަށެވެ. ބުޅަލާއި މިނިކާވަގުވެސް ނިސްބަތްވަނީ އެއް އާއިލާއަކަށެވެ. އެހެނޭ ކިޔާފައި ބުޅަލަކަށް މިނިކާވަގެކޭ ކިއިދާނެ ތޯއެވެ؟

0%
0%
20%
0%
0%
80%