ކޮވިޑް-19 އާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދީފިއެވެ.
ޔޫއޭއީ ސަރުކާރުގެ ސްޕޯކްސްޕާސަން ވިދާޅުވީ ވެކްސިން ނުޖަހާ ތިބި އެމިރޭޓްސްގެ ރައްޔިތުންނަށް ދަތުރުނުކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އެގޮތުން އޭޕްރީލް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޔޫއޭއީގެ ރައްޔިތުންނަށް 48 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓަކާއެކު ދަތުރުކުރެވޭނެކަމަށެވެ. މީގެކުރިން ޔޫއޭއީގެ ރައްޔިތުންނަށް ގައުމުން ބޭރަށް ދަތުރުކުރުމަށް ބޫސްޓަރ ޑޯޒް ޖަހަންޖެހެއެވެ. ނަމަވެސް މިހާރު އެފިޔަވަޅުވެސް ވަނީ އުވާލާފައެވެ.
މީގެއިތުރުން މީގެކުރިން އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ޕީސީއާރު ޓެސްޓަކާއި ނުލާ ޔޫއޭއީއަށް ދަތުރުކުރެވޭއިރު މިހާރު އެއުމުރު ވަނީ 16 އަހަރަށް މަތިކޮށްފައެވެ.
ޔޫއޭއީގައި ފިޔަވަޅުތަކަށް ލުއިތައް ދީފައި މިވަނީ ކޮވިޑް-19 ގެ ހާލަތު އެގައުމުގައި ރަނގަޅުވަމުން އަންނާތީއެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ 250ށް ތިރިވެފައެވެ. އަދި މަރޗް 8ގެ ފަހުން ޔޫއޭއީން ކޮވިޑް ޖެހިގެން މީހަކު މަރުވެގެން ރިޕޯޓްކޮށްފައެއް ނުވެއެވެ.
ޔޫއޭއީއަކީ މުޅި ދުނިޔޭގައި ކޮވިޑް ޖެހިގެން އެންމެ މަދުން މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ 9 ވަނަ ގައުމެވެ.