ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާއަށް މިފަހަރުގެ ބެލޮންޑިއޯ ހައްގު ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފިއެވެ.
ރޮނާލްޑޯ ބުނީ ބެންޒެމާއަށް ބެލޮންޑިއޯއެއް ހައްގު ކަމަށް މީގެ ދެތިން އަހަރު ކުރިން ފެށިގެން އޭނާ ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް އޭރު އެވާހަކަ ދެއްކުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކީ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯއަކީ ބެލޮންޑިއޯ ކާމިޔާބުކުރި މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ ދެފަހަރުގެ މަތިން ބެލޮންޑިއޯ ކާމިޔާބު ކޮށްފައެވެ.
މި ސީޒަންގައި ބެންޒެމާގެ ފަރާތުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ފެންނަމުންނެވެ. އަދި ޓީމަށް އެންމެ ބޭނުންޖެހޭ ވަގުތު ބެންޒެމާ ވަނީ އޭނާގެ މުހިންމުކަން ދައްކުވައިދީފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްދިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ ބެންޒެމާއެވެ.
ރޮނާލްޑޯ ބުނީ މިހާރުވެސް އޭނާދާ ކޮންމެ ތަނެއްގެ ހުރިހާ އެންމެންވެސް އޭނާއަށް ވަރަށް އިހްތިރާމް ކުރާތީ އެކަމާއި އުފާކުރާ ކަމަށެވެ. އަދި އެއީ ބްރެޒިލްގެ ގައުމީ ޓީމާއި ކްލަބުތަކުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.