ކ. މާލެ
|
12 އޭޕްރިލް 2022 | އަންގާރަ 07:18
މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ކުޑަކުއްޖެއްގެ ފޯނު ރޮނާލްޑޯ ހަލާކުކޮށްލުން
ރޮނާލްޑޯ ހީކުރަނީ ބޭނުންހާ ކަމެއް ކުރެވޭނެ ކަމަށް: ހޯސޭ އެންރީކޭ
އަބަދުވެސް ފާހަގަކުރާ ފަދައިން ރޮނާލްޑޯގެ އުޅުން ހުންނަ ގޮތާއި މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށް އެންރީކޭ ބުނި
ފުޓްބޯޅައިގެ ތާރީޚުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ހިމެނޭނެ ކަމަށް އެންރީކޭ އެއްބަސްވޭ

މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހީކުރަނީ އޭނާ ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ކަމަށް ބުނެ ލިވަޕޫލްގެ ލެފްޓް ބެކަށް ކުޅުނު ހޯސޭ އެންރީކޭ ފާޑު ކިޔައިފިއެވެ.

އެންރީކޭ ކުރި ޓްވީޓެއްގައި ބުނީ އޭނާ އަބަދުވެސް ފާހަގަކުރާ ފަދައިން ރޮނާލްޑޯގެ އުޅުން ހުންނަ ގޮތާއި މެދު އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ރޮނާލްޑޯ ހީކުރަނީ އޭނާ ވަރުގެ މީހަކު ނެތް ކަމަށާއި، ރޮނާލްޑޯ ހީކުރަނީ އޭނާ ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ކަމަށް ބުނެ އެންރީކޭ ވަނީ ރޮނާލްޑޯއަށް ފާޑު ކިޔާފައެވެ.

އެންރީކޭ ބުނީ ރޮނާލްޑޯގެ އުޅުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ފުޓްބޯޅައިގެ ތާރީޚުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ހިމެނޭނެ ކަމަށެވެ.

ރޮނާލްޑޯ ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗަށްފަހު 14 އަހަރުގެ އެވަޓަން ސަޕޯޓަރެއްގެ ފޯނު ބިންމައްޗަށް އެއްލާ، ހަލާކު ކޮށްލާފައެވެ. އޭނާ އެގޮތަށް ކަންތައް ކޮށްފައިވަނީ މެޗުން ބަލިވުމުން ހުރި ނުތަނަވަސްކަމާއި ރުޅިވެރިކަމުގެ ސަބަބުންނެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވީ 1-0 ންނެވެ.

މިކަމަށްޓަކައި ރޮނާލްޑޯ ވަނީ ފަހުން މައާފަށް އެދިފައެވެ. މައާފަށް އެދި އިންސްޓަގްރާމްގައި ރޮނާލްޑޯ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދަތި ހާލަތްތަކުގައި ޖަޒްބާތުތައް ކޮންޓްރޯލް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އޭނާއަށް ކުރެވުނީ ގޯސް ކަމެއްކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ އެފަދަ ހާލަތްތަކުގައި ކެތްތެރިވެ، ޒުވާނުންނާއި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ރިވެތި ނަމޫނާއެއް ދައްކަން ޖެހޭ ކަމަށެވެ. އަދި ފެއަރ ޕްލޭގެ ގޮތުން އެސަޕޯޓަރު ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި މެޗެއް ބެލުމަށް ދައުވަތު ދޭނެ ކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑުން މިހާތަނަށް އެއްވެސް ބަހެއް ނުބުނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑު އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށް މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަކީ ޔުނައިޓެޑްގެ މިހާރުގެ އަމާޒެވެ.

- ކޮމެންޓް