ކ. މާލެ
|
12 އޭޕްރިލް 2022 | އަންގާރަ 07:13
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު
ރާއްޖެއެމްވީ
ޔޫތު މިނިސްޓްރީގެ ނޫސްބަޔާން
ވެލެންސިޔާއަށް މިނިސްޓްރީން ޓިކެޓް ނަގައިދިން، ނުފުރުމުން ކަންބޮޑުވޭ: ޔޫތު މިނިސްޓްރީ
ހަޤީޤަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މީޑީއާތަކަށް މައުލޫމާތުދީފައިވާތީ މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރި
އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ނިންމާފައިވާކަމަށް ބަޔާނުގައި ބުނެފައިވޭ

އޭއެފްސީ ކަޕް ޕްރިމިލިނަރީ ސްޓޭޖްގެ 2 ވަނަ ބުރުގައި ބައިވެރިވުމަށް ކްލަބް ވެލެންސިޔާއިން އެދުނު ގޮތުގެ މަތިން 10 އެޕްރީލްގައި ބަންގްލަދޭޝަށް ދަތުރު ކުރުމަށް މިނިސްޓްރީން ޓިކެޓް ނަގައިދިން ކަމުގައިވިޔަސް، އެ ކުލަބުން ދަތުރުކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ނޮންރިފަންޑަބަލް ޓިކެޓެއް ކަމުން ފަސްޓް ޑިވިޝަން ކުލަބްތަކަށް ދޫކުރަމުން އަންނަ ފައިސާގެ ތެރެއިން ކުލަބް ވެލެންސިއާއަށް ދޫކުރާ ފައިސާ ކުރިއަށް އޮތް ތަނުގައި ދޫކުރާނީ ޓިކެޓަށް ޚަރަދު ކުރެވިފައިވާ އަދަދު އުނިކުރުމަށްފަހު ކަމަށެވެ. އަދި ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެ ތަމްސީލުކުރަން ލިބޭ މިފަދަ ފުރުސަތުތައް ގެއްލުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއްކަން ފާހަގަކޮށް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެމިނިސްޓްރީން ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

އޭއެފްސީ ކަޕް ޕްރިމިލިނަރީ ސްޓޭޖްގެ 2 ވަނަ ބުރުގައި ބަންގްލަދޭޝަށް ދާން ހަމަޖެހިފައި އޮތް ދަތުރު ކްލަބް ވެލެންސިއާއިން ކެންސަލް ކުރުމާއި ގުޅިގެން، ކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މީޑީއާތަކަށް މައުލޫމާތު ދީފައިވާތީ ޔޫތު މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭޕްރިލް 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ދަތުރުކުރުމަށްޓަކައި، ޓީމުގެ ޓިކެޓާއި އެކޮމޮޑޭޝަން ފައިސާ ހަމަޖައްސައިދިނުމަށް އެދި އެމިނިސްޓްރީއަށް ކްލަބް ވެލެންސިއާ އިން ހުށަހަޅާފައިވަނީ 4 އެޕްރީލް 2022 ވަނަ ދުވަހުއެވެ. އެފުރުސަތަކީ އޭއެފްސީ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ލިބިފައިވާ ފުރުސަތެއްކަމުން، އެ ކުލަބުން އެދިފައިވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ނިންމާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ޖުމްލަ 27 ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓަށް 28,809 އެމެރިކާ ޑޮލަރު އަދި އެކޮމޮޑޭޝަނަށް 4731.36 އެމެރިކާ ޑޮލަރާއެކު ޖުމްލަ 33,540.36 އެމެރިކާ ޑޮލަރު ޚަރަދުވެއެވެ.

މިފައިސާ އޭޕްރީލް 7 ވަނަ ދުވަހު ކްލަބު ވެލެންސިޔާއަށް ޖަމާކޮށްދިނުމަށް ބެލިއިރު ކުލަބުގެ އެކައުންޓެއް ނެތްކަމަށް މިނިސްޓްރީއަށް ކުލަބުން މައުލޫމާތުދިނެވެ. އެހެންކަމުން ދެން ބެލީ އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރަން ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް 8 އަދި 9 ވަނަ ދުވަހަކީ ހަފްތާ ބަންދަށް ވުމާއެކު، ކުލަބު ވެލެންސިއާއިން އޭޕްރީލް 9 ވަނަ ދުވަހުގެ ރޭ އަލުން އެ ޓިކެޓް މިނިސްޓްރީން ނަގައިދިނުމަށް ސިޓީ ފޮނުވުމާއެކު ހަމަ އެރޭ ވަގުތުން ޓިކެޓް ނަގައިދީފައި ވާނެކަމަށްވެސް ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ވެލެންސިޔާ ދަތުރުކޮށްފައި ނުވަނީ ހުރުމާއި ކެއުމަށް ބޭނުންވާ ފައިސާ ނެތުމުން ކަމަށް ރިޕޯޓްކޮށްފައިވާއިރު، މިނިސްޓްރީއަށް ވެލެންސިޔާއިން މައުލޫމާތުދީފައިވާ ގޮތުގައި ކެއުމާއި ހުރުމަށް ޚަރަދުވާނީ 4731.36 އެމެރިކާ ޑޮލަރެވެ. އެފައިސާވެސް ހަމަޖައްސައިދޭން މިނިސްޓްރީން ނިންމާފައިވީ ނަމަވެސް ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ވަގުތުން ވަގުތަށް ފައިސާ ނަގައި ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އާންމު އުސޫލެއްގެ ގޮތުން ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ފައިސާ ޖަމާވަމުންދަނީ ޕޯސްޓް ކުރާތާ 14 ދުވަސް ފަހުން ކަމަށް ވުމާއިއެކު، މިގޮތަށް މުބާރާތްތަކަށް ހިނގާ ޚަރަދުތަކަށް ރިއިމްބާސް ކުރާ ގޮތަށް ޒިންމާވަމުންދަނީ ކުލަބުތަކުން ކަމުގަަައިވެސް މިބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެތައް މަހެއްގެ ކުރިން މެޗުގެ ޝެޑިއުލް ލިބިފައިވާއިރު، ފުރަން 24 ގަޑިއިރަށް ވާއިރުވެސް ބިދޭސީ ކުޅުންތެރިންގެ ވިސާގެ ކަންކަން ހަމަޖައްސާފައި ނުވާތީ ނުހަނު ހިތާމަކުރާ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. ކުލަބުތަކަކީ ޤާނޫނުން ބާރު ލިބިދޭ އަމިއްލަ މިނިވަން ޝަޚްސުތަކެއް ކަމުން، އެ ކުލަބަކުން ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖެއްސުމަކީ އެ ކުލަބެއްގެ ޒިންމާއެކެވެ. ކްލަބްތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަކީ މިނިސްޓްރީގެ މޭންޑޭޓެއް އަދި މަސައްކަތެއްވެސް ނޫންކަމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

- ކޮމެންޓް