ކ. މާލެ
|
11 އޭޕްރިލް 2022 | ހޯމަ 17:34
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ފާއިތުވި ހަފްތާގައި ކޮވިޑް 19 އަށް ޕޮޒިޓިވްވީ 655 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 91 މީހުން
އަތޮޅުތަކުން 482 މީހުން ޕޮޒިޓިވްވެފައިވޭ
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 178،313ށް އަރާފައި

އޭޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވަނީ 655 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިހާރު ކޮވިޑްގެ ތަފާސްހިސާބުތައް ހާމަކުރަމުންދަނީ ހަފްތާއަކު އެއްފަހަރުއެވެ. އެގޮތުން ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 91 މީހުންނެވެ. އަތޮޅުތަކުން 482 މީހުން ޕޮޒިޓިވްވެފައިވާއިރު މިމުއްދަތުގައި އެއްވެސް މީހަކު ކޮވިޑް ޖެހިގެން ނިޔާވެފައެއްނުވެއެވެ.

އޭގެކުރީ ހަފްތާގައި ޕޮޒިޓިވްވެފައިވަނީ 665 މީހުންނެވެ.

ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު އެންމެ މަދު މީހުންނަށް މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވަނީ އޭޕްރީލް 3 ވަނަދުވަހުއެވެ. އެއީ 4 މީހުންނެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ 4 ވަނަ ދުވަހުއެވެ. އެއީ 20 މީހުންނެވެ. މިމުއްދަތުގައި އެވްރެޖްކޮށް ދުވާލަކު 13 މީހުންނަށް މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވެއެވެ.

އަތޮޅުތަކަށް ބަލާއިރު ފާއިތުވި ހަފްތާ އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ. އެއީ 102 މީހުންނެވެ. އެންމެ މަދުން އަތޮޅުތަކުން ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އޭޕްރީލް 8 ވަނަ ދުވަހުއެވެ. އެއީ 9 މީހުންނެވެ. އޭޕްރީލް 9 ވަނަ ދުވަހު 89 މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.

މުޅި ރާއްޖޭގައި ފާއިތުވި ހަފްތާގައި އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ. އެއީ 127 މީހުންނެވެ. އެންމެ މަދު މީހުންނަށް ކޮވިޑް ޖެހިފައިވަނީ އޭޕްރީލް 8 ވަނަ ދުވަހުއެވެ. އެއީ 41 މީހުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 178،313ށް އަރާފައެވެ. މިހާތަނަށް މިބަލީގައި 298 މީހުން ވަނީ މަރުވެފައެވެ. ފާއިތުވި ހަފްތާގައި މީހަކު މަރުވެފައެއް ނުވެއެވެ.

ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ފުރަތަމަ ޑޯޒް 398،539 މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒް 383،809 މީހުން ޖަހާފައިވެއެވެ. އަދި ބޫސްޓަރ ޑޯޒް 157،295 މީހުން ޖަހާފައިވެއެވެ.

- ކޮމެންޓް