ލަލީގާގައި ލެވާންޓޭ އާއި ވާދަކޮށް ބާސެލޯނާއިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ލެވާންޓޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެެވެ. ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ލެވާންޓޭއިންނެވެ. ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއިރު ހޯސޭ ލުއިސް މޮރާލްސް ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލުގެ ރޮނގު މަތިން ދިފާއުކުރީ ބާސެލީނާގެ އެރިކް ގާސިއާއެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ޕެނަލްޓީ އޭރިއާގެ ތެރެއިން ޑެނީ އަލްވޭސް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީން ލެވާންޓޭއަލް ލީޑު ނަގައިދިނީ މޮރާލްސްއެވެ. އޭގެ އިރުކޮޅެއް ފަހުން ބާސެލޯނާގެ އެރިކް ގާސިއާގެ އަތުގައި ބޯޅަ ޖެހުމުން ލެވާންޓޭއަށް އިތުރު ޕެނަލްޓީއެއް ލިބުނެވެ. ރޯޖާ މާޓި ފޮނުވާލި މި ޕެނަލްޓީ ދިފާއު ކުރީ ބާސެލޯނާގެ ކީޕަރު ޓާ ސްޓޭގަންއެވެ.
އެއަށްފަހު ބާސެލޯނާއިން ކައިރި ކައިރީގައި ދެލަނޑު ޖަހާ ލީޑު ނެގިއެވެ. އޮސްމާނޭ ޑެމްބެލޭ ނެގި ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެމްރިކް އޮބާމެޔަންގްއެވެ. ބާސެލޯނާއަށް ލީޑު ނަގައިދިނީ ޕެޑްރީއެވެ.
ފަހަތުން އަރާ ލެވާންޓޭއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގޮންޒާލޯ މެލޭރޯއެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލެންގްލެޓް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މެލޭރޯ ކާމިޔާބުކުރި ލަނޑެކެވެ. ބާސެލޯނާ މެޗުން މޮޅުވި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ނެގި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބާސެލޯނާ މޮޅުކޮށްދިނީ ޑިޔޯންގއެވެ.
މި ނަތީޖާއާއެކު ބާސެލޯނާ 60 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ ތިންވަނައިގައި އޮތް ސެވިއްޔާއަށްވުރެ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ލީގުގައި ކުޅުނު 31 މެޗުން ލިބުނު 22 ޕޮއިންޓާއެކު ލެވާންޓޭ އޮތީ ތާވަލުގެ ފުލުން ދެވަނައިގައެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސެލްޓަ ވީގޯ އަތުން އެސްޕާންޔޯލް މޮޅުވީ 1-0 ންނެވެ. އެލްޗޭގެެ މައްޗަށް ރެއާލް ސޮސެއިޑާޑް ކުރި ހޯދީ 2-1 ންނެވެ.